އިލްޔުާސް ލަބީބުގެ ތުހުމަތުތަކެއް: ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ ޑްރަގުގެ ބޮޑުންނާ ގުޅިގެން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ގޮތާއިގުޅިގެން މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ އިލްޔާސް ލަބީބު މިއަދު ތުހުމަތުކުރައްވައިފި އެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ޝަރުއީ މ...

19 Oct 2021 | 07:59

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ގޮތާއިގުޅިގެން މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ އިލްޔާސް ލަބީބު މިއަދު ތުހުމަތުކުރައްވައިފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ޝަރުއީ މަރުހަލާގެ ތެރެއިން ދޫވާތީ، މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު، މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ ނަޝީދު ވެރިކަމަށް ވަޑައިގެން، މަސްތުވާތަކެއްޗަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދެވި ކަމަށެވެ.

އެހެންނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލީ އިދިކޮޅު ފަރާތްތަކުން "ޑްރަގުގެ ބޮޑުންނާ" ގުޅިގެން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"މަސްތުވާތަކެތި އެތެރެކުރާ މީހުން އެކަން ކުރުން ހުއްޓުވުމާ އޭގެ މާކެޓް ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހެބިލިޓޭޓުކޮށް އަލުން އަނބުރާ މުޖުތަމައަށް ނެރުމުގެ މަސައްކަތް ވެސް ރައީސް ނަޝިދު ކުރެއްވި. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިހިބިލިޓޭޝަން ސެންޓަރުތަކާއި ޑިޓޮކްސް ސެންޓަރުތައް ނަޝީދު ހެއްދެވި." އިލްޔާސް ލަބީބު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހު ވަހީދާއި ޔާމީނާ ދެ ބޭފުޅުން ވެގެން ޑިޓޮކްސް ސެންޓަރު ބަންދުކޮށްލީ ކަމަށެވެ.

މަސްތުވާތަކެތީގައި ހިމެނޭ މީހުން ޝަރުއީ ދާއިރާގެ ތެރެއިން ދޫވާ މައްސަލައަށް ގާނޫނީ ހައްލު ގެނެސް، ޑްރަގު ކޯޓުގެ ނަމުގައި ވަކި ކޯޓެއް އުފައްދައި ފަނޑިޔާރުން ތަމްރީނު ކުރީ ވެސް ނަޝީދުގެ ވެރިކަމުގައި ކަމަށާއި މި ކަންތައްތައް އެއިރު ޕީޕީއެމް އާއި މިހާރުގެ ޕީޕީއެމްއާ ޕީއެންސީގެ ބޭފުޅުންނަށް ހަޖަމު ނުކުރެވުނީ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ތެރެއިން އެކަމުގެ ބޮޑުންގެ ގޮތުގައި ބެލެވުނު ހަ މީހަކު ހައްޔަރުކޮށް މައްސަލަ ބަލަން ފެށިކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ޑްރަގު ނެޓުވޯކުގައި ހަރަކާތްތެރިވި މީހުންނަށް ބަދަލުދީ، ސިޔާސީ މަގާމުތައް ވެސް ދީފައިވާ ކަމަށެވެ.

ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަމާ ދެކޮޅަށް ސިފައިންނާއި ފުލުހުން ނުކުމެ ހިންގި ހަމަނުޖެހުންތަކަށް ފަހުގަ ރައީސް ނަޝީދު ވަނީ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވާފަ އެވެ.

މި ހަމަނުޖެހުން އުފެދުނީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރި މުޒާހަރާތަކަށް ފަހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް