ދިވެހިރާއްޖެއަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތުހުމަތުކުރާ ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ހާމަކޮށްފިއެވެ.
100 ކިލޯ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލުމަށް ކޯޓުން ނިންމެވި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމިކަން ހާމަކޮށް ޕީޖީ އޮފީހުން ވަނީ މިމައްސަލަ އިސްތިއުނާފު ނުކުރަން ނިންމި ސަބަބުވެސް ހާމަކޮށްފައެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ޑްރަގްގެ އެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމީ ދަށު ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލައި، މައްސަލަ އިސްތިއުނާފު ކުރި ކަމުގައި ވިއަސް ވަކި ނަތީޖާއެއް ނުކުންނާނެ ކަމަށް ނުފެންނާތީ ކަމަށެވެ.
އޭގެ އިތުރުން، އެ ދެ މީހުންނާ ދެކޮޅަށް އިތުރު ހެކި ލިބިއްޖެނަމަ އަލުން ހައްޔަރުކުރުމުގެ އަމުރަކަށް އެދުމުގެ ފުރުސަތު އޮންނާނެތީ، ދަށު ކޯޓުގެ ނިންމުން ދަމަހައްޓަން ނިންމީ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލެ އާއި ފަޅު ރަށްރަށާއި ސަފާރީއެއް އަދި ލޯންޗެއް ބަލައި ފާސްކޮށްފައިވެ އެވެ. އެގޮތުން، 100 ކިލޯއަށްވުރެ ގިނަ ހެރޮއިން ހޯދާފައި ވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.
އޭގެ ފަހުން ވެސް ރ. އަތޮޅުގެ ފަޅު ރަށެއްގައި ފޮރުވާފައި ހުރި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. އެ މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރާ ދެ މީހަކު ހައްޔަރުކުރިއަސް އޭގެ ތަފްސީލެއް އަދި ނުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް