ސީއެންބިއުލާންސްގެ ޚިދުމަތް ފޯރުކޮށް ދެމުންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާއި އެކު ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ، އއ. އަތޮޅު ހޮސްޕިޓަލްގައި ސީ އެންބިއުލާންސްގެ ނަމުގައި ބޭނުންކުރާ ސީ އެންބިއުލާންސް ބާވެ އެކި މައްސަލަތައް ދިމާވާތީ އާއި އެންބިއުލާންސެއް ލިބޭނެ ތާރީޚެއް ސާފު ކުރުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ ސީ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި 2015 ވަނަ އަހަރު އެމްއެންޑީއެފް އާއި ޙަވާލުކުރި އުޅަނދުތަކަކީ ގިނަދުވަސްވެ ޙާލަތު ދަށްވެފައިވާ އުޅަނދުތަކެއް ކަމަށެވެ. މުޅި ސީ އެމްބިއުލާންސް ފްލީޓަށް ބަލާއިރު މިހާރުވެސް ގްރައުންޑް ކުރެވިފައިވާ މިންވަރު އިތުރުވުމާއި، ޙާލަތު ދަށްވުމުގެ ސަބަބުން ދޫކޮށްލަންޖެހޭނެ ކަމަށް ލަފާކުރެވޭ އުޅަނދުތަކެއް ވެސް ހުރިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ސީ އެންބިއުލާންސްގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންކުރުމަށް އެމްއެންޑީއެފް އާއި 2015 ވަނަ އަހަރު ޙަވާލު ކުރެވުނު 27 އުޅަނދަކީ ކުރީގައި ހޮސްޕިޓަލްތަކުގައި ބޭނުންކުރަމުން އައި ލޯންޗް ފަހަރުތަކެކެވެ. މިއުޅަނދުތަކަކީ އޭރުވެސް ބޭނުންކުރާތާ އެވްރެޖްކޮށް 10 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އުޅަނދުތަކެކެވެ. އަދި، މީގެތެރެއިން ބައެއް އުޅަނދުތަކަކީ ބޭނުން ނުކޮށް ގިނަދުވަސްވެފައިވާ، އަދި ގިނަދުވަސްތަކެއްވަންދެން މެއިންޓެނަންސް ކުރިއަށް ނުގެންދެވިހުރި އުޅަނދުތަކެއްކަމުން ގިނަ އުޅަނދުތަކުގެ ކޮންޑިޝަން އޭރުވެސްވަނީ އުޅަނދުގެ އަސްލު ޢުމުރާ ބަލާއިރު ވަރަށް ދަށް ހާލަތަކަށް ގޮސްފައި ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، މިނިސްޓަރ ވިދާޅުވީ މިހާރުގެ ހާލަތު ހުރި ގޮތުންނާއި، ބަޖެޓްގެ ދަތިކަން ހުރި ގޮތަށް ބަލާއިރު، އއ. އަތޮޅު ހޮސްޕިޓަލަށް ވަސީލަތްތައް ފުރިހަމަ އައު ސީ އެންބިއުލާންސެއް ލިބޭނީ، އައު ސީ އެމްބިއުލާންސް ހޯދުމަށް ބޭނުންވާ ފައިސާ އެމްއެންޑީއެފަށް ލިބުމުން ކަމަށެވެ. އަދި، މިއަހަރު އެމްއެންޑީއެފަށް އިންޑަކްޓް ކުރެވުނު 06 ސީ އެމްބިއުލާންސް ލިބުނުގޮތަށް ބަލާއިރު، ފައިސާ ހަމަޖެހޭތާ 06 މަސް ދުވަހުގެ ތެރޭގައި އއ.ރަސްދޫގައި އައު ސީ އެމްބިއުލާންސެއް ސްޓޭޝަން ކުރެވިދާނެ ކަމަށެވެ.
މިހާރު ހުރި ގިނަ ސީ އެމްބިއުލާންސްތަކީ މަރާމާތަށް ބޮޑު ހޭދައެއް ކުރަންޖެހޭ ސީ އެންބިއުލާންސްތަކަށްވާއިރު، މިއީ ދެކޮޅު ޖައްސަން ވެސް ދަތި ޚަރަދުތަކެއް ކަމަށާއި މިއަދު ސަރުކާރުން މިމައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްކޮށް އައު ސީ އެންސިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް