ދެފުށް ފެންނަގޮތެއްގައި މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ބޮޑު ހަނގުރާމައެއް ކުރަނީ މި ސަރުކާރުން: ސައްލެ

މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ބޮޑަށް ހަނގުރާމަކުރަމުން ދަނީ މި ސަރުކާރުން ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ 19 ވަނަ މަޖިލީހުގެ 2021 ވަނަ އަހ...

19 Oct 2021 | 05:58

މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ބޮޑަށް ހަނގުރާމަކުރަމުން ދަނީ މި ސަރުކާރުން ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ 19 ވަނަ މަޖިލީހުގެ 2021 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި މިއަދު އެވެ.

ސަލީމް ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް، އެންމެ ބޮޑު ހަނގުރާމައެއް، ދެފުށް ފެންނަ ގޮތުގައި، ކުރަމުންދަނީ ހަމަ މި ސަރުކާރުން ކަމަށެވެ. އަދި މިއީ ތާރީކާއި މާޒީއަށް ބަލައިފި ނަމަ ފެންނާނެ ކަމަށެވެ. މެމްބަރު ވިދާޅުވީ އެކަން އޮޅުވާ ނުލެވޭނެ ކަމަަށާއި ތާރީޚު ހުރީ ލިޔެ ރައްކާކުރެވިފައި ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު މަސްތުވާތަކެއްޗާ އެކު ގިނަ ބަޔަކު ހައްޔަރުކުރަމުންދަނީ، އިމިގްރޭޝަންގެ މުވައްޒަފުން ހުށިޔާރުކަމާއެކު މަސައްކަތް ކުރައްވާތީ ކަމަށެވެ.

ސަލީމް ވަނީ އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ޤާނޫނަށް ބަދަލު ގެނެސް މަސްތުވާތަކެތީގެ ޓްރްފިކް ކުރާ މީހުންނަށް ލުއި ދޭން ނިންމިކަން ފާހަގަކުރައްވާފައެވެ.

ސަލީމް މި މޭރުމުން ވާހަކަދެއްކެވީ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވޭ މީހުން ދޫވާތީ، ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށައެޅުއްވި ކުށްލި މައްސަލައިގެ ބަހުސްގައެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަޙުޤީޤީ މަރުހަލާއާއި އަދި ކޯޓު މަރުހަލާއިން މިނިވަންވެ، މުޖްތަމަޢުގެ ތެރެއަށް ދޫވުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ ބައެއް ފަރާތްތައް ރާއްޖެއިން ބޭރަށް ފުރައިގެންދާއިރުވެސް އެއްވެސް ފިޔަވަޅެއް ނާޅާތީއާއި އެފަދަ ފަރާތްތަކުން ދުނިޔޭގެ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވަރކްތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދިވެހިރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރާ މިންވަރު އިތުރުވެ، މަސްތުވާ ތަކެތީގެ ހަބަކަށް ދިވެހިރާއްޖެ ބަދަލުވެފައިވާކަމީވެސް ކަންބޮޑުވާ ކަމެއްކަމަށް މިމައްސަލައިގައި ބުނެފައިވެއެވެ.

މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވެ، މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ބިރުގަންނަ މިންވަރަށް މަގުތަކާއި ގޯޅިތަކުގައި މަސްތުވާ ތަކެތި ބޭނުންކޮށްގެން އުޅޭ މީހުން ގިނަވެ، ޒުވާން ޖީލުތައް ހަލާކުވެ، އިޖުތިމާޢީ މައްސަލަތައް ގިނަވެ، މުޖްތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވާ އިރު، ރާއްޖޭގައި މަސްތުވާ ތަކެތި އެތެރެކޮށް ވިއްކަމުންދަނީ، މުޅި ދައުލަތް ބައިވެރިވެގެން ހިންގާ "ސްޓޭޓް ސްޕޮންސރަޑް" ވިޔަފާރިއެއްގެގޮތުގައި ކަމަށް ބެލެވޭ މިންވަރަށް ކަންކަން ގޮސްފައިވާކަމަށްވެސް މިމައްސަލާގައި ބުނެފައިވެއެވެ.

މި މައްސަލަ ބަލައިގަނެ ބަހުސް ކުރުމާމެދު ގޮތެއް ނިންމުމަށް ނެގުނު ވޯޓަށް ބަލާއިރު، މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް 23 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. އަދި ހާޒިރުވެވަޑައިގެން ތިއްބެވި 32 މެމްބަރުންގެ ތެރެއިން 27 މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މެމްބަރު އާދަމް ޝަރީފް އެހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން 100ށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި ހޯދި މައްސަލައިގައި އިސްކޮށް ހިމެނޭ 2 މީހަކު ވަނީ ކޯޓުން ދޫކޮށްލާފައެވެ. އެ މައްސަލައިގައި ދެން ތިބި 8 މީހުންނަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. އޭގެ ފަހުން 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން މައްސަލައަކާ ގުޅިގެން ވެސް 2 މީހަކު ހައްޔަރު ކޮށްފައިވާއިރު، އެ ދެމީހުންނަށް ވެސް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް