ދާހިލީ ވުޒާރާގެ ތަރުތީބު އޮޅުވާލުމަކީ ހުދުމުހުތާރު ސިފައެއް: އަލީ ވަހީދު

ދާޚިލީ ވުޒާރާގެ ޤާނޫނީ ތަރުތީބު އޮޅުވާލުމަކީ ޚުދުމުޚުތާރު ސިފައެއް ކަމަށް މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ޖިންސީ ގޯނާގެ ތުހުމަތުގައި ވަޒީރުކަމުން ވަކިކޮށްފައި...

19 Oct 2021 | 05:27

ދާޚިލީ ވުޒާރާގެ ޤާނޫނީ ތަރުތީބު އޮޅުވާލުމަކީ ޚުދުމުޚުތާރު ސިފައެއް ކަމަށް މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި ވަޒީރުކަމުން ވަކިކޮށްފައިވާ އަލީ ވަހީދު މިހެން ވިދާޅުވީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމާ ގުޅިގެން އިންގިރޭސި ވިލާތުގައި ހުންނަވައި ކުރެއްވި ޓްވީޓެއްގައެވެ.

އަލީ ވަހީދު ވިދާޅުވީ ދާޚިލީ ވުޒާރާގެ ޤާނޫނީ ތަރުތީބު އޮޅުވާލުމަކީ ޚުދުމުޚުތާރު ސިފައެއް ކަމަށާއި ހަޤީޤަތަކީ ކޯލިޝަން ޕާޓީތަކާއި ކޯލިޝަން ވަޒީރުންނަކީ ނަމެއްގައި ތިބި ބައެއް ކަމަށެވެ.

"ދާޚިލީ ވުޒާރާގެ ޤާނޫނީ ތަރުތީބު އޮޅުވާލުމަކީ ޚުދުމުޚުތާރު ސިފައެއް. ހަޤީޤަތަކީ ކޯލިޝަން ޕާޓީތަކާއި ކޯލިޝަން ވަޒީރުންނަކީ ނަމެއްގައި ތިބި ބަޔެއްކަން. ނަގޫ ގޮތް ޖެހޭނީ އެވެރިން އެވެރިންނާ. ވަގުތު ޖެހުމުން، ކޮންމެ މީހަކަށްވެސް ޖެހޭނީ އެއް ދަތުރެއް. ލިބޭނީ ފެންކައްކާ ބޮލީގެ ޢިއްޒަތް!" އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

https://twitter.com/ali20waheed/status/1450177493315596293

މުޅި ދަޢުލަތުގަ ތިއްބެވީ ޅިޔަނުން ކަމަށާއި ވެރިކަމުގެ އާރާއި ބާރު، ޖާހަތާއި ސެހެންޝާހު ވެރިވުމުން، ވަޒީރެއް، ކޯލިޝަނެއް، ޕާޓީއެއް، ފިކުރެއް، ޢާންމު ރައްޔިތުންގެ ބޭނުމެއް މިސަރުކާރަކަށް ނުފެނުނު ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ބާކީ މި ސަރުކާރަށް އޮތީ ދެ އަހަރު ކަމަށާއި އިންސާފު އަރާ ހަމަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގަންވާނެ ކަމަށް ބުނެފައިނުވާތީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރައްވައި އެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޯމް މިނިސްޓަރަށް އަންގަވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ އެގޮތައް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހޯމް މިނިސްޓަރަކަށް އެންގެވީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ހޯމް މިނިސްޓަރަށް ރައީސް އޮފީހުން އަންގަވާފައިވަނީ އަލަށް އަމަލުކުރަން ފަށާފައިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

"މިގޮތަށް ހަމަޖެއްސުމާ ގުޅިގެން 2021 މާރިޗް 27 ވަނަ ދުވަހުން ފެށިގެން ތިޔަ މިނިސްޓްރީ އާއި ތިޔަ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން މި ސިޓީއާ އެކު ފޮނުވީމެވެ،" އަލީ ޒާހިރު ފޮނުއްވި ސިޓީގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް