ގިނަ ދިވެހިން ބޭސްފަރުވާއަށްދާ އިންޑިއާގެ ކެރެލާ ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގަ އެ ސްޓޭޓްގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ 11 ސަރަހައްދަކަށް ރަތް އެލާޓު ނެރެފި އެވެ.
އެލާޓު ނެރެފައިވަނީ އިއްޔެ ހެނދުނުން ފެށިގެންނެވެ. ރަތް އެލާޓު ނެރުނީ ބޯކޮށް ވާރޭވެހި އާންމުންގެ ފުރާނައަށް ނުރައްކާ މިންވަރަށް ފެންބޮޑުވެ ބިންގަނޑު ދަމައިގެންނަމުންދާ ސަރަހައްދުތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑެތި ކޯރުތައް ހުރި ޑިސްްޓްރިކްޓުތަކެވެ.
ގިނަ އަދަދެއްގެ ކޯރުތައް ހިިމެނޭ ކެރެލާ ސަރުކާރުން ނިންމާފައިވަނީ ކޯރުތަކުން ފެން ދެމޭނެހެން އެތަންތަން ހުޅުވާލާށެވެ. އޭރުން ކަނޑަށް ފެން ބޭރުވުމުގެ މަގު ފަހިވުމުން ޑިސްޓްރިކްޓުތަކުގައި ބޮނޑުވެފައިވާ ފެންތައް ހިނދުމަށް މަގުފަހިވާނެ އެވެ.
އިއްޔެ އޭގެ ތެރެއިން 14 ކޯރެއް ހުޅުވާލާފައިވާއިރު މިއަދުގެ ވަގުތެއްގައި އިތުރު ކޯރެއް ހުޅުވާލާނެ އެވެ.
ވިއްސާރައިގަ މިހާތަނަށް 27 މީހަކު މަރުވެފައިވާއިރު އެތައް ސަތޭކަ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. މަރުުވި މީހުންގެ ތެރެއިން 14 މީހުން ކޮއްތަޔަމް ޑިސްޓްރިކްޓަށް ނިސްބަތްވާއިރު ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޓްރިވެންޑްރަމްއިން މިހާތަނަށް އެކަކު ވަނީ މަރުވެފަ އެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ބިންގަނޑު ކަނޑައިގެން ގޮސް ގޭގެ ކޯރުތަކުގެ ތެރެއަށް ވެއްޓޭ މަންޒަރުފެނެ އެވެ. އަދި އާންމުކޮށް އެންމެ ކާރޫބާރޫ ބޮޑު މަގުތަކުގައި އުނަގަނޑާއި ހަމައަށް ފެން ބޮޑުވެފައިވެ އެވެ.
އިންޑިއާގެ މައި ސަރުކާރާއި ކެރެލާ ސަރުކާރު ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނާއި ގެދޮރު ގެއްލިފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 247 ވަގުތީ ހިޔާ ހަދާފައިވާއިރު އެތަނުގައި 2،619 އާއިލާއެއްގެ 9،422 މީހުން އެބަތިއްބެވެ.
އެންމެ ފަހުން ކެރެލާއަށް މިގޮތަށް ވިއްސާރަކޮށް އެންމެ ގިނަ މީހުން މަރުވީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ކުރި ވިއްސާރައިގަ 400 އަށްވުރެ ގިނަ މީހުން މަރުވި އެވެ.
އެކަމަކު މިއީ މިދިޔަ 64 އަހަރު ތެރޭގައި ވިއްސާރައިގަ އެންމެ ނުރައްކާތެރި ހާލަތަކަށް ކެރެލާ ގޮސްފައިވާ އަހަރު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް