އެމްޑީއެން މައްސަލާގައި ބައެއް ފަރާތްތައް ފުލުހަށް ހާޒިރު ކުރަނީ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް ބަދުބަސް ބުނެ ނެރުނު ރިޕޯޓުގެ މައްސަލާގައި ބައެއް ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފ...

19 Oct 2019 | 05:57

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް ބަދުބަސް ބުނެ ނެރުނު ރިޕޯޓުގެ މައްސަލާގައި ބައެއް ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމްޑީއެންގެ މައްސަލާގައި ފުލުހުން ކުރާ ތަހުގީގަށް ހާޒިރު ކުރަންޖެހޭ ފަރާތްތައް ހާޒިރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި ބައެއް ފަރާތްތަކަށް މިހާރު ޗިޓު ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް ޗިޓު ފޮނުވީ ކޮން ބަޔަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެމްޑީއެންގެ ރިޕޯޓު ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުން ދަނީ ހާއްސަ ސަމާލު ކަމެއް ދީގެން ކަމަށެވެ.

އެ ޖަމިއްޔާގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ ހިޔާލީ ވާހަކައެއް ކަމަށްވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތު ވެސް ކޮށްފައި ވެއެވެ.

އެމްޑީއެންގެ މައްސަލާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ އެއްވުންތަކާއި ހިނގާލުންތައް ބާއްވަމުންނެވެ. އެ އެއްވުންތަކާއި ހިނގާލުންތަކުގައި އާއްމުން އަންނަނީ އެ ޖަމިއްޔާ އުވާލުމަށާއި އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް