ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށްވެސް އަދި ޖުމްހޫރީ ޕާޓީއަށް ދެރަ ގޮތެއް ނުހައްދަވާނެ ކަމަށް އެޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
"އެންމެންގެ ޖުމްހޫރީ ޕާޓީ" ނަމުގައި ވީޓިވީން ގެނެސްދިން ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް އޭނާއާ ދޭތެރޭ ކަންތައް ކުރައްވާފައި ވަނީ ވަރަށް ނިކަމެތިކޮށް ކަމަށެވެ. ނަމަަވެސް އެކަން އެގޮތަށް ރައީސް ސޯލިހު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ރާވެރިއެއްގެ ދަރިއަކަށްވެސް ތިނެތިން އެކަތި އޮންނާނެ ކަމަށް މުސްކުޅިން ބުނާ ކަމަށާއި މިހާރު "ދެ އެތިފަހަރު ހިނގައްޖެ" ކަމަށެވެ. އަދި މިއީ ތިންވަނަ "އެތި ފަހަރު" ކަމަށާއި މިފަހަރު ދެރަގޮތެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މުސްކުޅިން ބުނެ އުޅޭ ތިނެތިން އެކަތި އޮވޭ ރައިވެރިއެއްގެ ދަރިއަކަށް ވެސް. އެހެންވީމަ ކުރީގައި ދެ އެތި ފަހަރު، މިއީ ތިންވަނަ އެތި ފަހަރު، ދެ އެތި ފަހަރު ހިނގައްޖެ. އެކަމަކު މިފަހަރު އިރާދަ ކުރެއްވިއްޔާ އެކަހަލަ ނިކަމެތި ކަމެއް، ރައިވެރިއެއްގެ ދަރިއަކަށް އޮންނަންޏާ މިފަހަރު އަޅުގަނޑުމެން ވެސް ސަލާމަތް ވާނެތާ؟ ރަނގަޅުވާނެތާ؟ މިފަހަރު ފަހިކޮށް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް މިފަދައިން ވިދާޅުވި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ އާއްމު މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބޭނުން ވަނީ އެމްޑީޕީ އެކަނި ސަރުކާރު ހިންގަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހިނގަމުންދަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެމްޑީޕީގެ މެންބަރުން ހިތުއެޅި ކަމެއް، ކުރެހި މަންޒަރެއް ހަގީގަތަކަށް ހަދަން އެހެން ބަޔަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް