ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަޕާން އަށް

ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ ފުރާވަޑައިގެންފިއެވެ. މި މަހުގެ 26 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ...

19 Oct 2019 | 03:53

ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ ފުރާވަޑައިގެންފިއެވެ.

މި މަހުގެ 26 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޖަޕާނުގެ އައު އެންޕެރަރ ތަހުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ޖަޕާނަކީ އދ. އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މުހިންމު ބައިވެރިއަކަށްވުމުން ބައިނަލްއަޤްވާމީ އެކިއެކި މައިދާނުގައި ޖަޕާނުގެ އެހީތެރިކަން ރާއްޖެއަށް ލިބުމުގެ އިތުރުން ރާއްޖެއާ ޖަޕާނަކީ ބައިނަލްއަޤްވާމީ އެކިއެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރަމުން އަންނަ ރަހުމަތްތެރި ދެ ޤައުމުވެސް މެއެވެ.

ޖަޕާނާއި ރާއްޖެއާ ދެމެދު 14 ނޮވެންބަރު 1967ގައި ސިޔާސީ ގުޅުން ޤާއިމުކުރިފަހުން ވޭތުވެދިޔަ ބައިގަރުނަށްވުރެ ގިނަ އަހަރުވީ މިގުޅުމުގައި ދެޤައުމުން ވަނީ އެކިއެކި ރޮނގުތަކުން މި ގުޅުން އިތުރަށް ބަދަހި ކޮށްފައެވެ.

އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި ވެސް ޖަޕާނުން ރާއްޖެއަށް އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހި ކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެގޮތުން ޖަޕާނު ސަރުކާރުގެ އިސްފަރާތްތަކާއި އަމިއްލަ ބައެއް ޖަމުޢިއްޔާ ޖަމާޢަތްތަކާ އަދި ކުންފުނިތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް