ފިކުރީ ހައްދުފަހަނައެޅުމާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް ތައުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން، ބ. އޭދަފުށީގައި ހުންނަ އެ އަތޮޅުގެ ތައުލީމީ މަރުކަޒުގައި ބާއްވައިފިއެވެ.
މި މަސައްކަތު ބައްދަލުވުން އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ހަސަން އަތީފެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި މި މަސައްކަތުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެމްއެންޑީއެފް ނޮދަން އޭރިއާ އަދި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި، ހިންގާ ޕްރޮގްރާމެކެވެ. އެއް ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ އެންސީޓީސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭފުޅުންގެ އިތުރުން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. މި ފަހަރު ޕްރޮގްރާމްގައި ބ. އަތޮޅުގެ 12 ސްކޫލަކުން 23 ބޭފުޅަކު ބައިވެރިވެލެއްވިއެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އިސް ބޭފުޅުންނަށް އަމާޒުކޮށްގެން ހިންގާ މި ސިލްސިލާ މަސައްކަތު ބައްދަލުވުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި "ގްރޭޓަރ މާލެ" ސަރަހައްދުގެ ސްކޫލްތަކާއި، އައްޑޫ ސިޓީގެ ސްކޫލްތަކާއި، ގދ. އަތޮޅުގެ ސްކޫލްތަކާއި ހދ. އަތޮޅުގެ ސްކޫލްތަކުގެ އިތުރުން ލ. އަތޮޅުގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ އިސް ބޭފުޅުންނަށް ހިންގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް