ކުރީގެ ނައިބުރައީސް އަހްމަދު އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ކަނޑުމަގުން ޓަގު ބޯޓެއްގައި ރާއްޖެއިން ފިލި މައްސަލައިގާ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގާ ދައުލަތުން އަދީބުގެ މައްޗަށް ކުރީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެވެ. އަދީބު ވަނީ އެކަމަށް ތަކުރާރުކޮށް އިއުތިރާފުވެފައެވެ.
ކުށަށް އިއުތިރާފުވަނީ އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިހްތިޔާރުގައިތޯ ގާޒީ ސުވާލުކުރެއްވުމުން ޖަވާބުގައި އަދީބު ވިދާޅުވީ "އާދެ" ކަމަށެވެ.
ހުކުމް އިއްވަމުން ޤާޒީ ވިދާޅުވީ އަދީބުގެ އިއުތިރާފުން އެ ދައުވާ ސާބިތުވާކަމަށެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އަދީބު ކަނޑުމަގުން ރާއްޖެ ދޫކޮށް ފިލީ އޭނާ ފުރުން މަނާކޮށް ސުޕްރީމް ކޯޓުން އަމުރެއްވެސް ނެރެފައިވަނިކޮށެވެ.
ރާއްޖެ ދޫކޮށް ޓަގުބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އިންޑިއާގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ އަދީބު ހިފަހައްޓައި އެގައުމަށް އެތެރެވާން އުޅުނު މަގުން އޭނާ ބޭރުކޮށްލާފައެވެ.
އެހިސާބުން ދިވެހި ފުލުހުން ވަނީ އަދީބު ހައްޔަރުކޮށް ރާއްޖެ ގެނެސް ބަންދުކޮށްފައެވެ. އެހެންނަމަވެސް ޓެގް ހަރުކޮށް އަދީބު ވަނީ ފަހުން ގޭ ބަންދަށް ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް