ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ސަރުކާރުގެ އަޒުމު ވަރަށް ވަރުގަދަ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބިދޭސީންގެ މައްސަލާގައި ސަރުކާރުގެ ފަރާތުން އިމިގްރޭޝަންގެ ކޮންޓްރޯލާއަކަށް އައްޔަން ކުރެއްވި ބޭފުޅާ ހުންނެވީ ބިދޭސީންގެ މައްސަލާގައި ދައްކާހާ ބިރަށް ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ދެއްކެވި ވާހަކައަށް އަލިއަޅުއްވާލައި މޫސަ ވިދާޅުވީ، މިނިސްޓަރު ދެއްކެވި ވާހަކައިން ކަމުގެ ނުރައްކާތެރިކަން ދޭހަވާ ކަމަށާއި ރައްޔިތުން ބޭނުންވަނީ ހައްލު ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލު ކުރާނެ ކަމަށާއި، އެކަން ހައްލު ނުވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
މިގައުމު މިހާ ހިސާބަށް ގެނެސް ގައުމުގެ އިޤްތިޞާދު ފުޅާކުރީ ދިވެހިން ކަމަށް ފާހަގަކުރައްވައި މޫސަ ވިދާޅުވީ، މިއަދު ބޭރުގެ ބޮޑެތި ކުންފުނިތަކުން ބިދޭސީން މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމަށްފަހު ހުރިހާ ފައިދާއެއް ބޭރަށް ގެންދާއިރު ދިވެހި ކުދިކުދި ކުންފުނިތަކަށް ފުރުސަތު ނެތް ކަމަށެވެ.
"މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކުދިންނަށް އަލުން ފަރުވާދޭހެން، ރާއްޖޭގައި ބަންގާޅީން ހެއްދެވިހާ ނުބައި ކަންކަންކޮށް ދިވެހި ވިޔަފާރިތައް ފުނޑާލީމަ އަނބުރާ ގަވާއިދު ތެރެއަށް އެމީހުން ވެއްދުން ރަނގަޅެއް ނޫން. ކުށެއް ކުރީމަ އަދަބު ދޭންޖެހޭތީ ގާނޫނު ހަދަނީ؟" މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްލަތައް ސަރުކާރުން މިހާރު ބަލަމުން ދާއިރު، ބިދޭސީން ގާނޫނާއި ގަވާއިދަށް ފެއްތުމަށް އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް ވަނީ ފަށައިފައެވެ. ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ޓާސްކް ފޯސްއެއް ވެސް އުފައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް