މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ މިއަދުން ފެށިގެން އެއް އަހަރު ދުވަހަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
އެގޮތުން އަންނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ރެގިއުލަރައިޒޭޝަން ޕްރޮގްރާމަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދަނެތި، ނުވަތަ ގަވާއިދާ ހިލާފަށް ރާއްޖެ އައިސް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
އިކޮނަމިކް މިނިސްޓްރީން ވިދާޅުވިގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ވަޒީފާ ދޭނެ ފަރާތެއް ލިބި، ރެގިއުލަރައިޒްވާން އެދޭ ބިދޭސީން ރެގިއުލައިޒް ކުރުމަށް ހުށަހަޅާނީ 'އެކްސްޕެޓް އޮންލައިން ސިސްޓަމް' މެދުވެރިކޮށް ވަޒީފާދޭ ފަރާތުންނެވެ. ހަމައެއާއެކު ވަޒީފާ ދޭނެ ފަރާތެއް ނެތް ބިދޭސީން ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި، 2020 މާރިޗް 18ގެ ކުރިން މިނިސްޓްރީއަށް ހާޒިރުވެ، 'ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފްތަރު' ގައި ރަޖިސްޓްރީ ވާން ވާނެ ކަމަށެވެ.
ރެގިއުލަރައިޒް ވާން އެދޭ ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށް ނަންބަރު ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.
'ރެގިއުލަރައިޖޭޝަން ޕްރޮގްރާމް' ކުރިއަށްދާނީ ސިވިލް ސާވިސް ކޮމިޝަނުގެ އޮފީސް ހުންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި، މިނިސްޓްރީ އިދާރާގައެވެ. އަދި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ 7205648 ގުޅުއްވާ މައުލޫމާތު ސާފު ކުރެއްވުމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ބިދޭސީން އެތެރެވުމަކީ މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް