ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީ ގައި ރޭ ޔޫރަޕްގެ ގަދަ ދެ ބާރުކަމުގައި އިޓަލީގެ ޔުވެންޓަސް އާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު 2-2 އިން އެއްވަރު ވެއްޖެއެވެ.
އެތުލެޓިކޯގެ އެސްޓާޑިއޯ ވަންޑަ މެޓްރޮޕޮލިޓާނޯ ގައި ކުޅުނު މެޗުގައި ރޭ ޔުވެންޓަސް އިން 2 ލަނޑުގެ ލީޑެއް ނެގިއެވެ. އެތުލެޓިކޯ އިން އެއްވަރު ކުރީ ފަހަތުން އަރައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނުއިރު، މި ހާފުގައި މޮޅަށް ކުޅުނީ އެތުލެޓިކޯ މެޑްރިޑެވެ. އެ ޓީމުން ގޯލާ އަމާޒުކޮށް 4 ހަމަލާއެއް ފޮނުވާލިއިރު، 11 ވަނަ މިނިޓުގައި އެތުލެޓިކޯގެ ޒުވާން ފޯވާޑް ޖޯ ފެލިކްސްއަށް ރަނގަޅު ފުރުސަތެއް ވެސް ލިބުނެވެ. އެހެނަސް، ބޮނޫޗީ އާއި ޑި ލިޓް ގެ ވަރުގަދަ ޑިފެންސިވް ޕާޓްނާޝިޕްގެ ސަބަބުން އެތުލެޓިކޯއަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.
ޔުވެންޓަސް އިން ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެ ޓީމުގެ އެޓޭކް ފެނުނީ ބަލިކަށިކޮށެވެ. ގޯލާ އަމާޒުކޮށް އެންމެ 2 ހަމަލާ ފޮނުވާލެވުނުއިރު، އެ ޓީމުގެ ތަރި ރޮނާލްޑޯއަށް ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ.
ދެ ވަނަ ހާފު ޔުވެންޓަސް އިން ފެށީ ލަނޑަކާއެކުގައެވެ. 48 ވަނަ މިނިޓުގައި ކްއަޑްރާޑޯ ފޮނުވާލި ހިތްގައިމު ބާރު ހަމަލާ ގޯލުގެ މަތީކަނަށް އަމާޒުވިއިރު، އެތުލެޓިކޯގެ ގޯލްކީޕަރ އޮބްލެކްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.
މި ހާފުގައި ރަނގަޅަށް ކުޅެމުންދިޔަ ޔުވެންޓަސް އިން ލީޑު ފުޅާކޮށްލީ މެޗުގެ 65 ވަނަ މިނިޓުގައެވެ. ފުލްބެކް އެލެކްސް ސަންޑްރޯ ދިން ޕާހަކުން މަޓުއީޑީ ލަނޑު ޖެހީ ކުޑައޭރިޔާގެ ތެރެއިންނެވެ.
ޔުވެންޓަސްއިން 2 ލަނޑުގެ ލީޑެއް ނެގުމަށްފަހު އެތުލެޓިކޯގެ ފަރާތުން ކުޅުން ރަނގަޅު ކުރިތަން ފެނުނުއިރު، 70 ވަނަ މިނިޓުގައި ސެވިޗް ބޮލުން ޖެހި ލަނޑާއެކު އެތުލެޓިކޯއިން ތަފާތު ކުޑަކުރިއެވެ.
އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި އެ ޓީމަށް ޖަހައިދީ ހެރޭރާއެވެ. މިއީ ޓްރިޕިއާ ނަގައިދިން ހުރަހަކުން ހެރޭރާ ޖެހި ލަނޑެކެވެ. މި މެޗުގައި ޓްރިޕިއާ ވަނީ ޖުމްލަ 11 ހުރަސް ޔުވެންޓަސްގެ ގޯލުގެ ކުރިމައްޗަށް ނަގައިދީފައެވެ.
ރޭގެ މެޗުން އެތުލެޓިކޯ އާއި ޔުވެންޓަސް އެއްވަރުވިއިރު، މި ގްރޫޕްގައި ބަޔާ ލެވަކޫސަން އާއި ލޮކޮމޮޓިވް ބައްދަލުކުރި މެޗު ހައިރާން ކުރަނިވި ގޮތަކަށް ކާމިޔާބު ކުރީ ލޮކޮމޮޓިވް އެވެ.
ޗެމްޕިއަންސް ލީގުގެ މެޗުތަކަށްފަހު އަންނަ ސްޕެނިޝް ލީގުގައި އެތުލެޓިކޯ އިން ދެން ނުކުންނާނީ ސެލްޓަ ވިގޯ އާ ދެކޮޅަށެވެ. އިޓާލިއަން ލީގުގައި ޔުވެންޓަސް ބައްދަލުކުރާނީ ވެރޯނާއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް