މި ފަހަކަށް އައިސް އިވެމުންދިޔަ އެއް ވާހަކައަކީ އީ-ސިނގިރޭޓާއި ވޭޕް ކުރުމާއި ގުޅުންހުރި މަރުތަކެއް އެމެރިކާގައި ރެކޯޑް ކުރެވެން ފެށި ވާހަކައެވެ.
މިއަހަރު މިހާތަނަށް މިކަމާއި ގުޅުންހުރި ހަތް މަރެއް ރިޕޯޓް ކުރެވިފައިވާކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން މިވަނީ ބުނެފައެވެ.
ވޭޕް ކުރުމުގެ ސަބަބުން ނުރައްކާތެރި ބައްޔެއް ޖެހެން ފަށާފައިމިވަނީ އިންސާނުންގެ މެޔަށެވެ. މި ހިނގާ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހާއި ހަމައަށް މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 380 އަށް އަރާކަމަށް އެމެރިކާގެ ސީޑީސީން ބުނެފައިވާއިރު މި ބަލީގެ ސީދާ ސަބަބު އަދި ހޯދިފައެއް ނުވެއެވެ.
މިބައްޔާއެކު ބަލީގައި މަރުވާ މީހުންގެ އަދަދު މަދު ދުވަސްކޮޅެއްގެ ތެރޭގައި އިތުރުވަމުން އަންނައިރު އަވަށްޓެރި އިންޑިއާއިން މިވަނީ މިކަމާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅެއް އަޅާފައެވެ. އެއީ އިންޑިއާގައި އީ-ސިނގިރެޓް މަނާކުރަން ނިންމި ނިންމުމެވެ.
އިންޑިއާގެ ޔޫނިއަން ކެބިނެޓުން އިއްޔެ ފާސްކޮށްފައިވަނީ އިންޑިއާގައި އީ-ސިނގެރެޓް އުފެއްދުމާއި، ވިއްކުމާއި އަދި އިސްތިހާރު ކުރުމެވެ. ބުއިން މަނާކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އުފެއްދުމާއި، ވިއްކުމާއި އަދި އިސްތިހާރު ކުރުން މަނާކުރުމުން މިކަމަށް ބޮޑު ހައްލެއް އަންނާނެ ކަމަށް ބެލެވެއެވެ.
އީ-ސިނގިރެޓަކީ ބައެއް ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު އެއްޗަކަށް ވަނީ ވެފައެވެ. ސިނގިރޭޓު ބުއިމުގެ އާދައިން އަރައިގަތުމަށް ގިނަ ދިވެހިން އީ- ސިނގިރެޓު ހިޔާރު ކުރެއެވެ. ނަމަވެސް އީ-ސިނގިރެޓުގެ ނުރައްކާތެރި ކަމުގެ ވާހަކަ ދެކެވޭ މި ދަނޑިވަޅުގައި ދިވެހިންވެސް، މިއީ އުފައްދަން މުހިންމު ސުވާލެއް ކަމަށް ފެނެއެވެ.
ރާއްޖޭގައި އީ-ސިނގިރެޓް މަނާކުރަން ފެނޭހެއްޔެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް