ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗުތަކުން ބަޔާން މިޔުނިކް އާއި މެންޗެސްޓާ ސިޓީ މޮޅު ވެއްޖެއެވެ. ބަޔާން މިޔުނިކް އިން 3-0 އިން ރެޑްސްޓަރ ބްލެގްރޭޑް ބަލިކުރިއިރު، މެންޗެސްޓާ ސިޓީ ޝަހުތަރު ޑޮނެސްކް އަތުން މޮޅުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ.
ބަޔާން މިޔުނިކްގެ ދަނޑުގައި ރޭ ކުޅުނު ގްރޫޕް ބީ ގެ މެޗުގައި ބަޔާން އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މުޅި މެޗުގައި 73 އިންސައްތަ ބޯލް ޕޮޒިޝަން ހިފެހެއްޓިއިރު، ބަޔާން އިން ވަނީ 13 ހަމަލާއެއް އުފައްދާފައެވެ. އޭގެ ތެރެއިން 11 ހަމަލާއެއް ރެޑްސްޓަރ ގެ ގޯލާ އަމާޒުވެފައިވެއެވެ.
ރޭގެ މެޗު ފެށިގެން 34 ވަނަ މިނިޓުގައި އެ ޓީމަށް ގޯލު ހުޅުވާލަދިނީ ވަރަށް ރަނގަޅު ފޯމެއްގައި ހުރި ކޯމަން އެވެ. މިއީ މި ސީޒަން ފެށުނު ފަހުން އޭނާ ކްލަބަށާއި ޤައުމީ ޓީމަށް ޖަހައިދިން ޖުމްލަ 6 ވަނަ ލަނޑެވެ.
އެއް ލަނޑުގެ ލީޑަކާއެކު މެޗު ނިމެންދަނިކޮށް، ރެޑް ސްޓަރގެ މާކޯ މަރިން އުފެއްދި ނުރައްކާތެރި ހަމަލާއަކުން ބަޔާން މިޔުނިކަށް ހާސްކަމެއް ގެނުވިއެވެ. އެހެނަސް، އެންމެ ފަހު ވަގުތު ކައިރިކައިރީގައި ޖެހި ދެ ލަނޑާއެކު ބަޔާން އިން ވަނީ ބޮޑު މޮޅަކުން ޗެމްޕިއަންސް ލީގު ފަށާފައެވެ. އެ ޓީމަށް މި ދެ ލަނޑު ޖަހައިދިނީ ލެވަންޑޯސްކީ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުލާ އެވެ.
މި ގްރޫޕްގައި ޓޮޓެންހަމް އާއި އޮލިމްޕިއާކޯސް ކުޅުނު މެޗު އެއްވަރުވެފައިވުމުން މި ގްރޫޕުން 3 ޕޮއިންޓް ލިބިފައިވާ ހަމައެކަނި ޓީމަކީ ބަޔާން މިޔުނިކެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީ ގައި ރޭ މެންޗެސްޓާ ސިޓީން ޝަހުތަރުގެ މައްޗަށް ބޮޑު މޮޅެއް ހޯދިއިރު، އެ ޓީމުން ވަނީ މިދިޔަ ހަފުތާގައި ޕްރިމިއާ ލީގުގައި ދިމާވި ޑިފެންސް ބަލިކަށިވުމުގެ މައްސަލައަށް ހައްލެއް ހޯދާފައެވެ. ނޯވިޗް އަތުން ބަލިވި މެޗުގައި، ސިޓީގެ ޖޯން ސްޓޯން އާއި ލްޕޯޓޭ އަނިޔާގައި ތިބުމުން ފުރުސަތު ދިން ދެ ޑިފެންޑަރުންނަށް ގިނަ ގޯސްތަކެއް ހެދުނެވެ. އެހެންކަމުން ރޭގެ މެޗުގައި ސިޓީން ޑިފެންސްގައި ބޭނުންކުރީ ފެނާންޑީނިއޯ އެވެ. އޭނާގެ ވަނީ އެ މަގާމުގައި ވެސް މޮޅު ކުޅުމެއް ކުޅެފައެވެ.
ޝަހުތަރުގެ ދަނޑުގައި ކުޅުނު މެޗުގެ 24 ވަނަ މިނިޓުގައި ސިޓީން ވަނީ ގޯލު ހުޅުވާލާފައެވެ. ގުންޑޮގާން ފޮނުވާލި ބޯޅައެއް ގޯލު ދަނޑިއަށް އަމާޒުވެ ބޭރަށް ނުކުތުމުން ދެން ލިބުނީ މާރޭޒް އަށެވެ. އޭނާ ވަނީ އެއްބުރުން ބޯޅަ ގޯލަށް ވައްދާލާފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މާރޭޒް ދިން ބޯޅައަކުން ގުންޑޮގާން ޖެހި ލަނޑާއެކު ސިޓީން ލީޑު ފުޅާކުރިއެވެ.
ސިޓީގެ ފަހު ލަނޑަކީ މެޗުގެ ފަހުކޮޅު ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ގެބްރިއަލް ޖީސުސް ޖެހި ލަނޑެކެވެ.
މި ގްރޫޕްގައި ޑައިނަމޯ އާއި އެޓްލަންޓާ ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް