އެރެއަށްފަހު- ނުވަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ޝައިލާ ލޯ މަރައިގެން އޮއްވައި އިވެންފެށީ ބޯކޮށް ވާރެ ވެހެންފެށި އަޑެވެ. ކޮޓަރިތެރެ ފިނިކަން އިހުސާސްކުރެވުނީ އެވަގުތުއެވެ. ހީކަރުވަން ފެށުމުން ތެދުވެގެން ގޮސް އޭސީ ނިއްވައިލުމަށް...

19 Sep 2019 | 04:38

ކުރީގެ އަދަދާ ގުޅޭ...

ޝައިލާ ލޯ މަރައިގެން އޮއްވައި އިވެންފެށީ ބޯކޮށް ވާރެ ވެހެންފެށި އަޑެވެ. ކޮޓަރިތެރެ ފިނިކަން އިހުސާސްކުރެވުނީ އެވަގުތުއެވެ. ހީކަރުވަން ފެށުމުން ތެދުވެގެން ގޮސް އޭސީ ނިއްވައިލުމަށްފަހު ކުޑަދޮރު ކައިރީ މަޑުކޮށްލިއެވެ. އަދި ދޮރު ހުޅުވައިލުމަށްފަހު ބޭރު ބަލައިލިއެވެ. ކުރިމަތިން ފެންނަ ގޭގައި ބޮޑު ޖޭމުގަސް އަދިވެސް އެބަހުރިތާއޭ ޝައިލާގެ ހިތައް އެރިއެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ ތިކިތައް އޭނާގެ މޫނުގައި ބީހެން ފެށިއެވެ. ހަށިގަނޑަށް ލިބެންފެށި އަރާމަކާއި ހިތްހަމަޖެހުމެއްގެ ސަބަބުން ލޯ މަރައިލައި ދޮރުން ބޭރަށް ކުޑަކޮށް ބޯ ނެރެލިއެވެ. ހިތައް ސިފަވަމުން ދިދައީ ކުރީގައި ވާރޭ ވެހޭ ދުވަސްދުވަހު އުޅޭ ގޮތެވެ.

ވާރޭ ވެހޭ ކޮންމެ ދުވަހަކީ ޝައިލާ ވާރެއާ ތެމޭ ދުވަހެކެވެ. ތެމެގެން ގޮސް ކުރިމަތީ ހުރިގޭ ޖޭމު ގަހުން ޖޭމު ބިނދިގެން ކާ ހަނދާން އާވުމުން ޝައިލާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެސަކަރާތުގައި ބައެއް ދުވަސްދުވަހު ސަމާހް ވެސް ބައިވެރިވާނެއެވެ. ވަގަށް ޖޭމު ބިނދިގެން ކެއުމަކީ ޝައިލާ ވަރަށް ކުރާހިތްވާ އަދި އެހާމެ މަޖާ ކަމެކެވެ. ވިއްސާރަ ދުވަސްދުވަހު މަގުމަތިން މީހަކު ފެންނާނީ ހާލަކުން ފަހަރަކުއެވެ. އެހެންކަމުން ވަގަށް ޖޭމު ބިނުމަކީ މާ އުނދަގޫ ކަމަކަށް ވެސް ނުވެއެވެ.

އެހަނދާންތައް އާވުމުން ޝައިލާގެ ހިތައް ފުންއަސަރުތަކެއް ކުރުވިއެވެ. ލޯ ހުޅުވައިލެވުނީ ވިއްސާރަ ތުނިކޮށްލުމުންނެވެ. މުޅި މޫނުމަތީ ވަނީ ފެނުގެ އަސަރުކޮށްފައެވެ. ލޯ ހުޅުވައިލުމާއި އެކީ ލޮލުން ކަރުނަތައް އޮހިގަތީ ނުވެސް ވިސްނާހުއްޓައެވެ. އެހަނދާންތައް އާވުމުން ޝައިލާގެ ހިތުގައި ޖެހުނީއެވެ. އެންމެފަހުން ވާރެޔާ ތެމިގެން ޖޭމެއް ކޭ ދުވަހެއް ހަނދާން ކުރަން އުޅެ އުޅެ ހަނދާނެއް ނުވިއެވެ. އަމިއްލަ ދިރިއުޅުމާއި ދުރުވެވުނުތާ މިހާރު ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟ އެރެއަށްފަހު އަމިއްލަ ނަފްސް މަތިންވެސް ހަނދާން ނެތުނީއެވެ.

އެނބުރި އެނދާ ދިމާލަށް ހިނގައިގަތް ވަގުތު އަނެއްކާވެސް ވާރެ ބޯކޮށްލިއެވެ. ހިތް އެދެމުން ދިޔައީ ވާރެއާ ތެމިލާށެވެ. ނަމަވެސް ދާހިތް ކެނޑުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަމިއްލަ ނަފްސަށް ހަމަޖެހުމެއް ލިބޭ އެއްވެސް ކަމެއް ކުރަން މިހާރު ޝައިލާ ބޭނުން ނުވަނީއެވެ. އެހެންކަމުން އަނެއްކާވެސް ގޮސް އޮށޯތީ އެނދުގައެވެ.

ހެނދުނު ހެނދުނާ ވާރޭ ވެހިގަތުމުން ޝާއިރާ ހުރީ ހިތްހަމަނުޖެހިފައެވެ. ކުދިކިޔަމުން ރޮށި ދަމަންހުރި ޝާއިރާ ސިއްސައިގެން ދިޔައީ ސުމާގެ އަތުން ވެއްޓި ތައްޓެއް ތެޅުމުންނެވެ.

"ތަޅާ... ހުރިހާ ތައްޓެއް ތަޅާ ހުސްކުރޭ... އެހުރި ހަރުގަނޑުގަ ހުރި ތަށިތައްވެސް ތަޅާ ހުސްކުރޭ" ދެލޯ ހަދައިލަމުން ތަށި ހަރުގަނޑަށް އިޝާރާތްކޮށްލުމަށްފަހު ޝާއިރާ އެހެން ބުނެލީ ނިކަން ބާރަށެވެ. މަންމަގެ އަޑު އިވުމުން ހިސާބަކަށް ބިރުގަނެފައިހުރި ސުމާ އަވަސްވެގަތީ ތަޅަންމަތީ ހުރި ބިއްލޫރިތައް ނަގާށެވެ.

"އިހަށްދުވަހު ތަށި ސެޓެއް ގަނެގެން ގެނައީ... އިއްޔެ ޒާނާ އަތުން ތައްޓެއް ތެޅިއްޖެ އަނެއްކާ މިއަދު ވެސް ތި ތަޅާލީ... މީ އެންމެ ރުފިޔާއެއް ދެރުފިޔާއެއް ދީފަ ގަންނަ އެއްޗިއްސެއް ނޫނޭ" އަނެއްކާވެސް ޝާއިރާ ބުނެލިއެވެ. ރޮށި ދަމަމުން ފިހަމުން ދިޔައިރު ޝާއިރާގެ މޫނުމަތި ހުރީ ދާހިއްލާ ފޯވެފައެވެ.

" ކޮންމެވެސް އެހެން ކަމަކާ ހިތްހަމަނުޖެހިފަ ތިހުރީ... ކިހިނެއްވީ؟" ފިހިގަނޑުން ބަދިގެތެރެ ފޮޅައިލަމުން ސުމާ އަހައިލިއެވެ. ތައްޓެއް ތެޅިގެން މަންމަ ރުޅި ނާންނާނެކަން ސުމާ އަށް ޔަގީނެވެ.

"ރުޅިއެއް ނާންނާނެތަ؟ އިއްޔެވެސް ސަމާހް ކައިރީ ބުނިން ދާ އެއްޗެހި ނެރޭށޭ ދޮންނަން... ރޭގަ ނެރުނީ... މަންމަ ހަމަ އެއްޗެހި އަޅާ މެޝިން ޖެއްސީ، އެވެހިގަތީ ވާރޭ... އެހާ ބަރު ޖިންސް އެއްޗެހި އަވި ނުޖައްސާ ކިހިނެއްތަ ހިއްކާނީ" ރޮށި ދަމަން ހުރެގެން ޝާއިރާ ވާހަކަދައްކަމުން ދިޔައިރު އަތުގެ ހަރަކާތް ހުރީ ވަރަށް އަވަސްކޮށެވެ. ސުމާ ކައިރިއަށް ކުޑަކޮށް ހިނިއައެވެ.

"ދެން އެވަރު ކަމަކާ މަންމަ ތި އެއްޗެހި ކިޔަނީ... ދެން ގޭތެރޭގަ ބެހެއްޓީމަވެސް ހިކޭނެއޭ..." ސުމާ މިހެން ބުނުމަށްފަހު  އުނދުން ކައިރިއަށް ލެފެލީ މަންމައަށް ރޮށިފިހެދޭށެވެ.

"ބަހައްޓާފަ ނިކުމޭ މަންމަ ފިހާނަށް... ދޭ ޝައިލާ އަށް ގޮވަން" ސުމާ އަތުން ދޭފަތް އަތުލަމުން ޝާއިރާ ބުނެލިއެވެ.

"އެހެންވެޔޭ އެއްޗެއް ހަދަން ދަސްނުވަނީ... މަންމަ ނުދޭތީ... އެކަމަކު މީހުން ހީކުރަނީ އަހަރެން ކަންނެތްކަމުންނޭ ކަމެއް ނުކުރަނީ... އިއްޔެ ވެސް އަހަންރެން ފިޔައެއް ނޮޅަން ފެށުމުން ބުނަނީ ފިޔައެއް ނޮޅާކަށްވެސް ނޭންގެޔޯ... މިވަރުން ކަމެއް ކުރަން ދަސްވޭތަ؟" މޭޒުމަތީގައި ދެއަތް ވިއްދަމުން ސުމާ ވާހަދެއްކިއެވެ. އޭނާގެ ވާހަކަތައް އިޝާރާތްކުރީ ޝާހާމާ އަށެވެ. އަޑު އިވޭކަމަށްވެސް ނުހަދައި ޝާއިރާ ހުރީ ރޮށި ފިހާށެވެ.

***

ދެދުވަހު ވިއްސާރަވުމަށްފަހު ހޮނިހިރު ދުވަހު އޮތީ އަވި ދިއްލައިލައި މުޅި ފަޒާ ދޮންކޮށްލާފައެވެ. ގަޑިން ހެނދުނު 9 ޖެހީއެވެ. ނުހާ، ނަހުޒާން، ނަޒާންގެ އިތުރުން ނަޒީމާ އަދި ސަމީރު ގެއިން ނިކުތީ އާއިލާގެ އިތުރު މެމްބަރުންނާއި އެކީ ކައިރީ އޮތް ގުޅިއަށް ދަތުރުދިއުމަށެވެ. ނަހުޒާންގެ ކާރުގައި އެންމެން ޖެޓީ ކައިރިއަށް ދިޔައިރު ސަމީރު އާއިލާގެ އިތުރު މެމްބަރުން ތިބީ އެމީހުންގެ އިންތިޒާރުގައެވެ. އެދަތުރަކީ ޖައިލަމް ކައިވެނި ކުރުމާއި ގުޅިގެން އާއިލާގެ އެންމެން އެކަމުގެ އުފަލުގައި ދާ ދަތުރެކެވެ. މި ދަތުރުގައި ކައިވެނިކުރެވުނު ދެފަރާތުގެ އާއިލާއިން ވެސް ބައިވެރިވާނެއެވެ. އެމީހުން ގުޅިއަށް ދާން ނިންމާފައި ވަނީ ދެ ލޯންޗެއްގައެވެ. ފުރަތަމަ ލޯންޗުގައި ހުރިހާ މެދުއުމުރުގެ މީހުންނާއި ކުޑަކުދިން ދިޔައިރު ޒުވާން ގުރޫޕު ތިބީ ދެވަނަ ލޯންޗު އަންނަންދެން ބަނދަރުގައެވެ.

އަވި އައިނެއް އަޅައިގެން ނަޒާން ހުރީ ތަންކޮޅެއް ދުރުގައި ފޯނަށް ބަލަހައްޓައިގެންނެވެ. ހަގީގަތުގައި މިދަތުރު އޭނާ އެގެންދަނީ މަންމަ ވަރަށް އާދޭސްކޮށްގެންނެވެ. ބައްޕަގެ އާއިލާ މީހުންނަކީ އޭނާ މާ ރުހޭ ބައެއް ނޫނެވެ. ބައްޕަ އާއި އެއްބަނޑު އެއްބަފާ އެންމެ ބޭބެއެއް ހުންނައިރު ބޮޑުބޭބެގެ ތިން ކުދިން ތިބެއެވެ. އެތިން ކުދިންނަށް ބައްޕަގެ ފަރާތުން އެތައް އެހީތެރިކަމެއް ފޯރުކޮށްދެއެވެ. ޖައިލަމްގެ ކައިވެންޏަށް ވެސް ބައްޕަ ހަރަދުކުރިކަމަށް އަޑު އިވިފައިވެއެވެ. އެކަމާ ވެސް ނަޒާން ހުންނަނީ ވަރަށް ރުޅިއައިސްފައެވެ. ބައްޕަގެ ފަރާތުން މުޅި އާއިލާއިން ވެސް އެއްޗެއް ނުލިބޭ މީހަކީ އޭނާއޭ އަބަދުވެސް ނަޒާންގެ ހިތައް އަރައެވެ.

"ޒާން ހާދަ ދުރަކު... ދެން އަޅެ ތިހެން މޫޑީކޮށް ނުހުރެބަލަ..." ނަޒާން ކައިރިއަށް އައިސް މަޑުކޮށްލަމުން ނުހާ ބުނެލިއެވެ.

"އަހަރެން މިދަނީ ގެއަށް" ދާން ހިނގައިގަންނަމުން ނަޒާން ބުނެލިއެވެ. ނަމަވެސް ނަޒާންގެ ފިޔަވަޅު ހުއްޓުނީ ސައިކަލެއްގައި އެތަނަށް އައިސް މަޑުކޮށްލި ދެ އަންހެން ކުދިން ފެނުމުންނެވެ. އެމީހުން އައިސް އަހުލާމާއި ޖައިލަމް ކައިރީ މަޑުކޮށްލުމުން އެމީހުންވެސް އެއައީ ދަތުރު ދާން ކަން ކަށަވަރުވިއެވެ. ނަޒާންގެ ހިޔާލު ބަދަލުވީ ކިހިނެއް ކަމެއްވެސް ނޭންގުނެވެ. އެދަތުރު ދާހިއްވިލެއް ބޮޑުކަމުން ބާރު ބާރަށް ހިނގާފައި ގޮސް ފާލަން ކައިރީ މަޑުކޮށްލިއެވެ. އެވީގޮތެއް ނޭންގިފައިހުރި ނުހާ ވެސް ގޮސް ނަޒާން ކައިރީ މަޑުކޮށްލިއެވެ. ކައިރީ ހުރި ގަހެއްގައި ލެނގިލައިގެން ނަހުޒާން ހުރީ އެދެމީހުންގެ ހަރަކާތްތަކަށް ބަލާށެވެ.

އެމީހުން ބަލާ އައި ލޯންޗު ޖެޓީ އާއި ގާތްކުރުމުން އެންމެން އަރަންފެށިއެވެ. ނަހުޒާން އާއި ނުހާ ވެސް ލޯންޗަށް އަރައި ހަމަޖެހިލިއެވެ.

ލޯންޗު ކައިރީ ރޭބަން އައިނެއް އަޅައިގެން ހުރި ނަޒާން ފުރަތަމަ ފެނުނީ ސުމާ އަށެވެ. ފޯނަށް ގެއްލިފައި ހުރި ޝައިލާގެ ގައިގައި ސުމާ ކުޑަކޮށް ޖަހާލައި ކުރިމަތީގައި ހުރި ނަޒާން ދައްކައިލިއެވެ. އެވަގުތު ޝައިލާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.

"މީނަ ވެސް ދޭތަ؟ ހިނގާ ގެއަށް ދާން" އައިކޮޅަށް އެނބުރެމުން ޝައިލާ ބުނެލިއެވެ. ނަމަވެސް ސުމާ އޭނާގެ އަތުގައި ހިފަގެން ކުރިއަށް ހިނގައިގަތެވެ.

ނަޒާން ލޯންޗަށް އެރުމަށްފަހު ދުރުގައި ތިބި ސުމާ އާއި ޝައިލާ އަށް ބަލައިލިއެވެ. މިހާރު ލޯންޗަށް ނާރަނީ އެދެމީހުން އެކަންޏެވެ. ނަޒާން ބަލަން ހުރުމުން ސުމާ އާއި ޝައިލާ އެދިމާލަށް ހިނގައިގަތެވެ. ނަޒާންގެ އެހީގައި ފުރަތަމަ ލޯންޗަށް އެރީ ސުމާ އެވެ. ޝައިލާ އަރުވަން ސުމާ އަތް ދިއްކޮށްލަން އުޅުނު ވަގުތު ނަޒާން އަތް ދިއްކޮށްލައިފިއެވެ. އެމަންޒަރު ފެނުމުން ކުޑަކޮށް ހީލުމަށްފަހު ސުމާ ލޯންޗު ތެރެއަށް ދެމިގަތެވެ.

ނަޒާންގެ ލޮލަށް ބަލަންހުރި ޝައިލާގެ ހިތް ތެޅެމުން ދިޔައީ ނިކަން ބާރަށެވެ. ނަޒާންގެ މޫނަށް ބަލަން ހުރެފައި ޝައިލާ ދެން ބަލައިލީ މޫދަށެވެ. އެވަގުތު ލިބުނު ސިހުމަކާއި އެކު މޫދަށް ވެއްޓެން އުޅުނުހެންވެސް ހީވިއެވެ. ނަޒާން ދިއްކޮށްގެން ހުރި އަތުގައި ހިފަން އަތް ނެގުމަށްފަހުވެސް ޝައިލާ އަނެއްކާ އަތް ތިރިކޮށްލިއެވެ.

"ނުދާނަންތަ؟" އެންމެފަހުން ނަޒާން އަހައިލިއެވެ. އިތުރުގޮތެއް ނެތުމުން ޝައިލާ މަޑުމަޑުން އެއަތުގައި އަތް ޖައްސައިލިއެވެ. ޝައިލާގެ އަތުގައިވި މަޑު ތުރުތުރުލުން ނަޒާނަށް ވެސް އެވަގުތު އިހުސާސް ކުރެވުނެވެ. ޝައިލާގެ އަތައް ފިތައިލުމަށްފަހު ލޯންޗަށް އެރުވިއެވެ. ބިރުންހުރި ޝައިލާ އަވަހަށް ލޯންޗަށް އަރައި ހަމަޖެހިލިއެވެ. ނަޒާން އައިސް އިށީނީ ޝައިލާގެ ކުރިމަތީގައި ހުރި ސީޓުގައެވެ. އެލޯންޗުގައި ހުސްކޮށް އިނީ އެ ސީޓު އެކަންޏެވެ. ޝައިލާގެ ކައިރީ އިނީ ސުމާ އެވެ. ނަޒާން އާއި ޖެހިގެން އިނީ ޖައިލަމްގެ ކޮއްކޮ ޖައިޝާ އެވެ.

އަވި އައިނު އަޅައިގެން މޫދަށް ބަލަން ކަމަށް ހެދިގެން އިން ނަމަވެސް ނަޒާންގެ ނަޒަރު އެންމެ ސިކުންތުކޮޅަކަށް ވެސް ޝައިލާގެ މޫނަކުން ނުނެއްޓެއެވެ. ލޮނުގަނޑު ކަފަމުން ލޯންޗު ދިޔައިރު އެއަރާ ފޮނުތަކަށް ނަޒަރު ހިންގައިގެން ޝައިލާ އިނީ ހިޔާލަކަށް ގެއްލިފައެވެ. ބައެއް ފަހަރު ނަޒާނަށް ކަޅިއެއް އެއްލާކަންވެސް ފާހަގަކުރެވުނެވެ. އެހެން ބަލައިލާ ކޮންމެ ފަހަރަކު ނަޒާންގެ ހިތް ހުއްޓޭހެންވެސް ހީވެއެވެ. އެބެލުން އެހާވެސް ތޫނެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް