ނޭމާ އާއި އެމްބާޕޭ ނުލާ ޕީއެސްޖީ އިން ރެއާލް ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ، ވަރުގަދަ ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 3-0 ގެ ތަފާތު ބޮޑު ނަތީޖާއިން ޕީއެސްޖީ ކާމިޔާބު ކޮށްފިއެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗަށް ޕީއެސްޖީ ނެގި ސްކޮޑ...

19 Sep 2019 | 02:24

ޗެމްޕިއަންސް ލީގުގައި ރޭ، ވަރުގަދަ ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 3-0 ގެ ތަފާތު ބޮޑު ނަތީޖާއިން ޕީއެސްޖީ ކާމިޔާބު ކޮށްފިއެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗަށް ޕީއެސްޖީ ނެގި ސްކޮޑްގައި އެ ޓީމުގެ އެޓޭކްގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ދެ ތަރިން ކަމަށްވާ ނޭމާ އާއި އެމްބާޕޭ ނުހިމެނެއެވެ. އެމްބާޕޭ އަނިޔާގައި ހުރިއިރު، ނޭމާ ނުނެގުނީ ސަސްޕެންޝަންގެ ސަބަބުންނެވެ.

ހަޒާޑް، ބޭލް އަދި ބެންޒެމާ ކުރީގައި ބައިތިއްބައިގެން ވަރުގަދަކޮށް ރެއާލް މެޑްރިޑުން ފެށި ނަމަވެސް، އެ ޓީމުގެ ފަރާތުން އެންމެ ރަނގަޅު އެޓޭކިންގ ކުޅުމެއް ނުފެނުނެވެ. މެދުތެރެއިން ރެއާލް ބަލިކަށިކޮށް ފެނުނުއިރު، ޕީއެސްޖީގެ ގޯލު ބަލަހައްޓަމުން ދިޔަ ރެއާލްގެ ކުރީގެ ގޯލްކީޕަރ ކޭލާ ނާވަސްއަށް މާބޮޑު ނުރައްކަލެއް ރޭގެ މުޅި މެޗުގައި ވެސް ކުރިމައްޗެއް ނުވިއެވެ.

އަނެއްކޮޅުން ރެއާލް ކޮޅަށް އަންނަ ބޯޅަތަކުގައި އެ ޓީމުގެ ޑިފެންސްގެ ފަރާތުން ފެނުނީ ސްޓޭބަލް ނޫންކަމެވެ. ރޭ ވަރަށް އޯގަނައިޒިން އަދި ޑިސިޕްލިން ގޭމެއް ކުޅުނު ޕީއެސްޖީން ވަނީ މެޗުގެ ފުރަތަމަ 33 މިނިޓުގެ ތެރޭގައި ރެއާލްގެ ކޮޅަށް 2 ލަނޑު ޖަހާފައެވެ. މި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރެއާލް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ އެންހެލް ޑި މަރިއާ އެވެ.

ފުރަތަމަ ލަނޑު، ބާނަޓް ދިން ބޯޅައަކުން ރެއާލްގެ އޭރިޔާގެ ތެރެއިން ޑި މަރިއާ ހަނި އޭންގަލް އިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލިއިރު، އެއީ ރެއާލްގެ ގޯލްކީޕަރ ތިބައޯ ކޯޓުއާއަށް ސަލާމަތް ކުރެވެން ޖެހޭވަރުގެ ހަމަލާއެކެވެ.

ޑި މަރިއާ ދެ ވަނަ ލަނޑު ޖެހީ އޭރިޔާގެ ބޭރުން ލިބުނު ބޯޅައެއް ގޯލުގެ ވާއަތު ތިރީކަނަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް އިންޑިވިޖުއަލް ހުނަރާއެކު ބޭލް ހިތްގައިމު ލަނޑެއް ޖެހިއެވެ. އެހެނަސް، ވީއޭއަރ ރިވިޔަށް ފަހު ލަނޑެއް ނޫންކަމަށް ނިންމީ ބޭލް އެ ލަނޑު ޖެހުމުގެ ކުރިން އޭނާގެ އަތުގައި ބޯޅަ ޖެހިފައިވާ ކަމަށެވެ.

ރެއާލް މެޑްރިޑުން ދެ ވަނަ ހާފު ފެށީ ކުޅުން ރަނގަޅު ކޮށެވެ. އެހެނަސް، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރަން ކުރި މަސައްކަތުން އެ ޓީމަށް ނަތީޖާއެއް ނުނެރެވުނެވެ. އަނެއްކޮޅުން ދެ ވަނަ ހާފުގެ ވަކި ހިސާބަކުން އޮއެވަރު ބަދަލުވެ، ޕީއެސްޖީން ރެއާލްގެ ގޯލަށް ވަނީ ނުރައްކާ ކޮށްފައެވެ.

މެޗުގެ 77 ވަނަ މިނިޓުގައި ބެންޒެމާ ރެއާލްއަށް ލަނޑު ޖަހައިދިނެވެ. އެހެނަސް، އެ ލަނޑު ޖެހުމުގެ ކުރިން ކުޅުނު ކުޅުމުގައި ވަޒްކުއޭޒް އޮފްސައިޑްކަމަށް ނިންމައި އެއީ ގޯލެއް ނޫންކަމަށް ނިންމިއެވެ. ވަޒްކުއޭޒް ސީދާ ބޯޅައާ ނުކުޅުނަސް، ވީއޭއާރ ރިވިޔުއަށް ފަހު ވެސް އޮފްސައިޑް ކަމަށް ނިންމީ ބެންޒެމާ ލަނޑު ޖަހަން މަގުފަހިވާގޮތަށް، ވަޒްކުއޭޒް ޕީއެސްޖީގެ ޑިފެންޑަރުންނަށް ހުރަސް އެޅޭނެހެން ކުޅުމުގައި ބައިވެރިވިކަމަށް ބަލައި ކަމަށް ބެލެވެއެވެ.

ރެއާލްއަށް ގޯސްކޮށް ނިމެންދިޔަ މެޗު އިތުރަށް ގޯސްވީ އެންމެ ފަހު ވަގުތު ޕީއެސްޖީން އިތުރު ލަނޑެއް ޖެހުމުންނެވެ.

މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުން ކްލަބް ބްރޫޖް އާއި ގަލަސަތަރާއި ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް