ބަދަލުކުރި ތިން އޮފިސަރުންނާ މެދު ސީރިއަސް ތުހުމަތުތަކެއް!

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ތިން ވެރިއަކު އެހެން ތަނަކަށް ބަދަލުކުރީ އެ މީހުންނާ ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާތާ އެތަކެއ...

19 Sep 2018 | 09:07

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ތިން ވެރިއަކު އެހެން ތަނަކަށް ބަދަލުކުރީ އެ މީހުންނާ ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާތާ އެތަކެއް ދުވަސްވެފައި ވަނިކޮށްކަން "ދުވަހަށް" އެނގިއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ބުނެ، އޭގެ ތެރެއިން ދެބޭފުޅަކު ވަނީ މޯލްޑިވްސްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހެޑްކުއާޓަރަށް ބަދަލުކޮށްފައެވެ.

ދެން ހުންނެވި ބޭފުޅާ ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.

"ދުވަހަށް" މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ އެ ތިން ބޭފުޅުންނާ ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވި އެ މައްސަލަތައް ވަނީ ކަމާ ބެހޭ މުއައްސަސާތަކަށް ވެސް ހުށަހެޅިފައި ކަމަށެވެ.

އެ އޮފިޝަލް ވަނީ ހެއްކާއެކު އެ މައުލޫމާތުތައް "ދުވަހަށް" ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ އޭގެތެރެއިން އެއް ބޭފުޅެއްގެ މައްޗަށް ބަދުއަޚުލާގީ ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ މައްސަލާގައި މަންޒަރު ފެނުނު ޕްރިޒަން އޮފިސަރުން އެހެން ޖަލަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭ މައުލޫމާތު ވަރަށް ތަފްސީލުކޮށް އޮފިޝަލް ކިޔައިދިނެވެ. ނަމަވެސް އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ސަބަބުން އެ ވާހަކަތައް ނޫހުގައި ޝާއިއު ކުރެވޭކަށް ނެތެވެ.

"ތުހުމަތު މިކުރާ ބަދުއަޚުލާގީ މައްސަލާގައި މަންޒަރު ފެނުނު ޕްރިޒަން އޮފިސަރުން އެބަތިބި ފުލުހުންގެ ތަހުގުގީގު ޓީމަކުން އެ އޮފިސަރުންނާ ސުވާލު ކުރައްވާ. ކަން ހިނގިގޮތް ކިޔައިދޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެ ތިން ބޭފުޅުންނަކީ ވެސް ކަރެކްޝަންސްގެ ޕްރޮމޯޝަން ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. އެ ބޯޑުގައި ތިއްބަވަނީ ޖުމްލަ ފަސް ބޭފުޅުންނެވެ.  އެހެންކަމުން އެ ތިން ބޭފުޅުންކަކީ ގުޅިގެން މަސައްކަތް ކުރައްވާ ތިން ބޭފުޅުން ކަމަށްވާތީ ހުރިހާ ކަމެއް ވެސް ފާސްވަނީ އެ ތިން ބޭފުޅުން ބޭނުންވާ ގޮތަށެވެ.

ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަކި އޮފިސަރުންތަކަކަށް އެ ތިން ބޭފުޅުން ޕްރޮމޯޝަން ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އެ މައްސަލަ މިހާތަނަށް ބަލާފައެއްނުވެއެވެ.

"އަޅުގަނޑު ދިވެހި ނޫސްވެރިންނަށް ގޮވާލަން ތިބޭފުޅުން އިންޓެގްރިޓީ ކޮމިޝަނާ ސުވާލު ކުރައްވާށޭ. ކީއްވެގެންތޯ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަކި އޮފިސަރުންތަކަކަށް އެ ތިން ބޭފުޅުން ޕްރޮމޯޝަން ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ނުބެލިގެން ތިއުޅެނީ. ކާކުގެ ނުފޫޒުންތޯ އެ ބޭފުޅުން ކައިރީ އައްސަވާ،" އޮފިޝަލް ވިދާޅުވިއެވެ.

އެ ތިން ބޭފުޅުންނާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ ބަލައި އެކަމުގެ ތަހުގީގު ރިޕޯޓު މީޑިއާއަށް އާންމު ކުރުމަށް "ދުވަހަށް" މައުލޫމާތު ހިއްސާކުރެއްވި ކަރެކްޝަންސްގެ އޮފިޝަލް ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ގޮވާލައްވާފައެވެ.

މާލޭ ޖަލުގައި ގައިދީން ތިބޭ ގޮޅިތަކަށް ގަވާއިދާ ޚިލާފަށް އެކި ތަކެތި ވެއްދުމުގެ އަޑީގައި އެ ތިން ބޭފުޅުންގެ ތެރެއިން ބޭފުޅަކު ހުންނެވި ކަމަށް އެ އޮފިޝަލް ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވިގޮތުގައި 12 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ޝަރީއަތް ނިމެންދެން މާލޭ ޖަލުގައި ބަންދުކޮށްފައިވާ ބަޔަކު ތިބި ގޮޅިން ކަރަންޓު ބުރުމާ، މަރުތެޔޮ، ވަޑާންކަށި، މޮބައިލް ފޯނު ފަދަ ތަކެތި ވަނީ ތަކުރާރުކޮށް ފެނިފައެވެ. އަދި އެކަމާ އެ ތުހުމަތު ކުރާ އޮފިސަރާ ގުޅުން އޮތްކަން އެނގޭ ގޮތް ވެސް އޭނާ ވަނީ "ދުވަހާ" ހިއްސާ ކުރައްވާފައެވެ.

"މިދެންނެވި 12 މިލިއަންގެ ވައްކަމުގެ މައްސަލާގައި ޖަލަށްލާފައި ތިބޭ މީހުންގެ ގޮޅި ބަލައި ފާސްކުރާ ޕްރިޒަން އޮފިސަރުންނާ ދިމާލަށް އެ މީހުން ބުނެފައި ވަނީ އެ ބޭފުޅާ މާލޭ ޖަލު ހިންގުމާ ހަވާލުވެ ހުންނެވިހާ ދުވަހަކު ތިމަންނަމެންނަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއޭ. ފުލުހުންގެ ތަހުގީގު ޓީމަކުން އެ ޕްރިޒަން އޮފިސަރުންނާ ސުވާލު ކުރައްވާ،"

އޭގެ ތެރެއިން އެއް ބޭފުޅަކު ޑިއުޓީގައި ނިދާފައިވާ ފޮޓޯތަކެއް މީގެކުރިން ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ.

އެކަމާ ގުޅޭގޮތުން އެ އޮފިޝަލް ވިދާޅުވީ އެއީ އާންމުކަމެއް ކަމަށާއި އޭނާ ޑިއުޓީގައި ނިދި ފޮޓޯ ނެގި ޕްރިޒަން އޮފިސަރާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެނާގެ އެ މައްސަލަ ބަލާފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި އެ ތިން ބޭފުޅުން މިހާރު އުޅުއްވަނީ އެ ބޭފުޅުން އެހެންތަނަކަށް ބަދަލުކުރީ ސިޔާސީ ބޭނުމެއްގައިކަމަށް ބުނެ އަޑު ފެތުރުމަށެވެ.

"އެ ބޭފުޅުން އަޑުއަރުވަން ބޭނުންވަނީ އެ ބޭފުޅުން އެހެން ތަނަކަށް ބަދަލުކުރީ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމެވުމުން ކަމަށް. އެ ބޭފުޅުން ގަބޫލުކުރައްވާގޮތުގައި އެގޮތަށް ކަންތައްތައް ކުރުމުން އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިއްޖެނަމަ އެބޭފުޅުންނަށް އަލުން ބާރުވެރިކަން ލިބޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް