އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިން މޭޓު ފައިސަލް ނަސީމު ކެމްޕެއިން ދަތުރުތަކުގެ އެންމެ ފަހު މަންޒިލްތަކަށް މިއަދު ވަޑައިގެންނަވަން ހަމަޖައްސައިފި އެވެ.
ކެމްޕެއިންގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އައްޑޫ އާއި ފުވައްމުލަކު ސިޓީ އެވެ. ދެ އެބޭފުޅުން އެންމެ ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ފައިސަލްގެ އުފަން ރަށް ފުވައްމުލަކަށެވެ. އެއީ މިއަދު ހަވީރެވެ.
މިއަދު އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު މިރޭ ފުވައްމަލު ސިޓީ ގައި އިދިކޮޅު އިއްތިހާދުގެ ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އެ ދަތުރުގައި އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ފަހު އެ ސިޓީގައިވެސް އިއްތިހާދުގެ ބޮޑު ޖަލްސާއެއް މާދަމާ ރޭ ބާއްވާނެ އެވެ.
ދެ ބޭފުޅުން މިދިޔަ ޖުލައި މަހު ކެމްޕެއިން ފެއްޓެވީވެސް މި ދެ ސިޓީންނެވެ. އައްޑޫ ސިޓީ އަކީ އިދިކޮޅަށް ބޮޑު ތާއީދެއް އޮންނަ ހާއްސަކޮށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސިޓީ އެކެވެ.
މިދިޔަ ދެ މަސްތެރޭ އިބޫ އާއި ފައިސަލް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. ދެބޭފުޅުން ބަހާލައިގެން ރަށްރަށަށް ވަޑައިގެންނެވި އިރު އިބޫ 100 އަށްވުރެ ގިނަ ރަށަށް އަދި ފައިސަލް 80 އަށްވުރެ ގިނަ ރަށަށް ވަޑައިގެންފަ ވެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅެނީ 187 ރަށުގައި އެވެ. ދެބޭފުޅުން އެއް ރަށްތަކަކަށް ތަކުރާރުކޮށްވެސް ވަޑައިގެންނެވި އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ގައުމުތައް ކަމަށްވާ މެލޭޝިއާ، އިންޑިއާ އަދި ސްރީލަންކާއަށްވެސް ވަޑައިގެންނެވި އެވެ.
އަންނަ އާދިއްތަ ދުވަހު އިންހާބު ބާއްވާއިރު އިދިކޮޅުން ވަނީ ހޮނިހިރު ދުވަހު ކާނިވާ ސަރަހައްދުގައި ބޮޑު އެއްވުމަށް ބޭއްވުމަށް ހަމަޖައްސާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް