މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗް އާރު ޕްރޮފެޝަނަލްސް (މާޕް) އިން "އެޗް އާރު ބެސްޓް ޕްރެކްޓިސް ޝެއަރ" ނަމުގައި ޕްރޮގްރާމެއް އައްޑޫގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް އައްޑޫ ސިޓީ ގަމުގެ އީކުއޭޓަރ ވިލެޖްގެ ބްލޫ ލެގޫންގައެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑިރެކްޓަރ ޓްރެއިނިންގް އެންޑް ޑިވެލޮޕްމަންޓް، ހުސެއިން އަފީފް ވިދާޅުވީ ދެ ގަޑިއިރުގެ މި ޕްރޮގްރާމަކީ ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި އަދި އެ ދާއިރާއާއި ގުޅުންހުރި ކަންތައްތަކުގައި ގޮތް ނިންމާ ފެންވަރުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރެއިން، ދާއިރާއިން ލިބިފައިވާ ތަޖުރިބާ ހިއްސާކޮށް އަދި އިތުރަށް ގިނަ މައުލޫމާތުތަކެއް އުނގެނުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.
"އެޗްއާރު ބެސްޓްޕްރެކްޓިސްގައި ދާއިރާއާއި ގުޅުން ހުރި މަސައްކަތް ކުރާފަރާތްތަކުން އެއްޕްލެޓްފޯމަކަށް އައިސް އެފަރާތްތަކުގެ ސަކްސެސް ސްޓޯރީ އެންމެންނާ ހިއްސާކޮށް އެބައެއްގެ އޮގަނައިޒޭޝަން ކާމިޔާބުކަމާއެކީ ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން ކޮށްފައިވާ މަސައްކަތް ބުނެދޭނެ" އަފީފް ވިދާޅުވިއެވެ.
އެގޮތުން މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމާއި ، ވަޒީފާއަށް މީހުންނެގުމާއި، ވަޒީފާގެ މާހައުލުގައި ދިމާވާ ސުލޫކީ މައްސަލަތައް ހައްލުކުރާނެ ގޮތާއި، މުވައްޒަފުންނާމެދު ކަނޑައެޅިފައިވާ ގަވާއިދުތަކާއި ގާނޫނުތައް ތަންފީޒު ކުރުމާއި ، ހުނަރު ތަރައްގީކުރުމާއި، އެޗްއާރު ޑިޖިޓަލައިޒް ކުރުމާއި، އެޗްއާރު ބިޒްނަސް ޕާޓްނަރ އަދި އޯގަނައިޒޭޝަންތަކުގައި ގެންގުޅޭ ކަލްޗަރ ޓްރާންސްފޮރމޭޝަން ފަދަ ކަންތައްތައް މި ސެޝަންތަކުގައި ހިއްސާކުރެވިގެންދާނެ ކަމުގައިވެސް އަފީފް ވިދާޅުވިއެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން އަފީފް ވިދާޅުވީ އައްޑޫގައި ކުރިއަށްގެންދާ މި ސެޝަންގައި އަލިއަޅުވާލާނެ ދާއިރާ ތަކުގެ ތެރޭގައި ޗޭންޖް މެނޭޖްމަންޓް އެންޑް މައިންޑްސެޓް، ޑިސިޕްލިނަރީ ޕްރޮސީޖަރ އާއި ހިއުމަން ރިސޯސް ޕްރޮފެޝަނަލް އެކަންތަކާއި ގުޅުވައި ގައިޑް ކޮށްދޭނެ ގޮތް ހިމެނޭ ކަމަށެވެ. މީގެ އިތުރުން މަސައްކަތުގެ ދާއިރާގައި ދިމާވާ ޖިންސީ ފުރައްސާރައާއި ޖިންސީ ހަމަހަމަކަމާއި އަދި މިކަންތައްތަކަށް ހޭލުންތެރިކުރުމާ ބެހޭ ގޮތުން ޕެނެލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ހިލޭ ކުރިއަށް ގެންދާ މި ޕްރޮގްރާމާ ބެހޭ ގޮތުން އިތުރު މައުލޫމާތު މާޕްގެ ވެބްސައިޓް events@mahrp.org .އަށް ޒިޔާރަތް ކުރުމުން ލިބިލައްވާނެއވެ. އަދި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން https://form.jotform.me/92193762273462 މި ލިންކުން ރަޖިސްޓްރީ ކުރެވޭނެއެވެ.
މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެވެ.
އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ.
މާޕުން ކުރިއައްޑޫގައި ކުރިއަށް ގެންދާ މި އިވެންޓްގެ ކޯ ހޮސްޓިން ޕާޓްނަރ އަކީ އީކުއޭޓަރ ވިލެޖެވެ. އެންޖީއޯ ސަޕޯޓް ޕާޓްނަރ އަކީ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އެވެ. މީޑިއާ ޕާޓްނަރ އަކީ އައްޑޫ އޮންލައިން (އޭއޯ ނިއުސް) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް