ރާއްޖޭގެ ތިން ރަށެއްގައި ބޮޑު ތިން މަޝްރޫއެއް ހިންގުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފައިސާގެ އެހީ ދީފިއެވެ.
މި މަޝްރޫއުތައް ހިންގުމަށް މިއަދު އެ މިނިސްޓްރީން ވަނީ އެ ތިންރަށުގެ ކައުންސިލާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ މިނިސްޓްރީން މި މަޝްރޫއުތައް ހިންގުމަށް ސޮއިކުރީ ޅ.އޮޅުވެލިފުށި ކައުންސިލާއި، އއ.ފެރިދޫ ކައުންސިލް އަދި ފ.މަގޫދޫ ކައުންސިލާއި އެކުއެވެ.
ޅ.އޮޅުވެލިފުށީ ކައުންސިލާއި އެކު ސޮއިކުރީ އެރަށުގެ ޤަބުރުސްތާނުގެ ވަށާފާރު ރޭނުމަށް ފައިސާގެ އެހީދިނުމަށެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 235،643.75 ކަމަށާއި، އޮޅުވެލިފުށި ކައުންސިލުން މިމަޝްރޫއަށް 77،209.75 ޚަރަދުކުރާނެ ކަމުގައެވެ. އޮޅުވެލިފުށީގައި ހިންގާ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. އޮޅުވެލިފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނާއިބުރައީސް ޢަބުދުލް ޢަޒީޒު މުޙައްމަދެވެ.
އއ.ފެލިދޫގައި ހިންގުމަށް ހަމަޖެހިފައި ވަނީ އެރަށުގެ ކުޑަކުދިންގެ ޕާރކެއް އެޅުމުގެ މަޝްރޫއެވެ. މި މަޝްރޫއު ހިންގުމަށް މިނިސްޓްރީން ދޭން ހަމަޖެހިފައި ވަނީ ތިން ލައްކަ ރުފިޔާ ކަމަށާއި، ފެރިދޫ ކައުންސިލުން ހަތަރު ލައްކަ ޚަރަދުކުރާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ސޮއިކުރެއްވި އިރު، އެރަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނައިބުރައީސް އަބްދުލް މަޖީދު މޫސާ އެވެ.
ފ. މަގޫދޫގެ މަގުބައްތިތައް މަރާމާތުކުރުމަށް މިނިސްޓްރީން ތިން ލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ދޭން މިއަދު ވަނީ ސޮއިކޮށްފައެވެ. ހޯމް މިނިސްޓްރީން ވިދާލުވީ، މަގޫދޫ ކައުންސިލުން 382،000.00 ޚަރަދުކުރާނެ ކަމަށެވެ. އެއްބަސްވުމުގައި ވެސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. މަގޫދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަބުދުﷲ ވަހީދެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ، މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ހަމަޖެހިފައި ވާކަމަށެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެން ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް