ހެޔެއް ނެތެވެ. ބަލަނީ ބަނޑު ސިކާރައަށް ކެވޭތޯއެވެ. އުޅުމެއް ނެތެވެ. ނަމަވެސް ދުނިޔެ މައްޗަށް ނޭވާލާތީ ތެޅިއަރުވަނީއެވެ. ހިތުން ޔޫރަޕްގެ ފިލްމުސްޓާރެކެވެ. އެހެނަސް ވިސްނުމުގައި ލާޗާރުބިޗާރީއެކެވެ. ކޫލްކަމުން ބޮވެނީ ކެމަލް ހާޑާއި ، ހާޑް ކޮފީއެވެ. އެހާވެސް ހިތުން ހާޑެވެ.
ނަމަވެސް ރުޅިގަދަވެއްޖިއްޔާ ބޮކިޖަހާ ކެކެންފަށައެވެ. ހިތުން މީހާގެ ސައިޒު އަތްނުފޯރާވަރެވެ. ގެންގުޅެންޖެހެނީ އައިފޯނެވެ. އެހެނަސް ދަރިންނާއި އަނބިމީހާ ތިބީ ކާނެބޯނެ ގޮތެއްނެތިފައެވެ. ލިބޭ މުސާރަ އެއްހާހެވެ. ނަމަވެސް ފޮނިކެނޑުމުގައި މިލިޔަނަރެކެވެ. ވާހަކަ ދެއްކުމުގައި ވާވާ ކިޔޭވަރެވެ. އެހާވެސް ނަލައެވެ. އެހެނަސް ހިތުގައި އެހެން މީހުންނަށް ހަސަދައެވެ.
އަޅަންޖެހެނީ ބޮޑެތި އައިނެވެ. ނަމަވެސް ފުސްކަމުން ތަނެއްދޮރެއް ނުފެނެއެވެ. ކާންޖެހެނީ ވެސްޓާންފުޑެވެ. އެހެނަސް ގޭފުރާޅުން ފެންފައިބަނީއެވެ. އަޅަނީ ސްމާޓް ގަޑިއެކެވެ. ގަޑި އާކުޅެން ނޭނގުނަސް މީހުން ގިނަހެން ހީވާތަންތާ މަގޭ ފޯނުމިއޮތީ ގަޑީގައޭ ކިޔާ ފޮނިކެނޑޭތޯބަލައެވެ. އެއާޕޮޑެއް ކޮންމެހެންވެސް ހޯދަން ޖެހެއެވެ. ކަންފަތުގައި ޖަހާލާފަ ބައިންދަން އެކަންޏެވެ.
ލާފަހުރި ޖިންސު 12 ތަނުން ވީދިފައެވެ. އަތްފައިފުރިފައި ޗޭނެވެ. ހިތުން މިހިރީ ޔޯ ވެފައެވެ. ދުއްވަން ބޭނުމީ ރޭސް ކާރެވެ. ޖީއެން ސައިކަލެވެ. ނަމަވެސް ދުއްވަން އޮތީ ދެފައިދެގޯޅިވަރު ތަންފުކެކެވެ. ބޯހުންނަނީ ބޮންމާރލިހެންނެވެ. ބޮލުގައި އޮތީ ހުސް އުކުނެވެ.
ގޮވަނީ ރައިޓްސް ތަކުގެ ވާހަކައެވެ. އެކަމު އަނބިދަރިންނަށް ކުރަނީ އަނިޔާއެވެ. ރޭގަނޑު ހަތަރުދަމު ޕާރޓި ކުރަން ހޭލައެވެ. އެނދަށްވެއްޓިގަންނަނީ ފަތިސް އަތަށް އަޅާލީމައެވެ. ލޯހުޅުވާލަނީ ގޭފުރާޅު މަތީ ބިސްގަނޑެއް އެޅޭވަރަށް ހޫނުވީމައެވެ.
ފަތިސް ނަމާދު ކުރާ މީހަކީ އެފިކުރުން ބަލަންޏާ ކަޓުގޮލައެކެވެ. ފަސްވަގުތު ނަމާދުކުރަންޏާ މޮޔަބީތާއެކެވެ. އުޅުމުގައި ޖޯން އާއި ބެންއެވެ. ކިޔަނީ ކިޔައްޓޭ އެއް، ބޮކިއްޓޭއެކެވެ. ނަމަވެސް ނަމަކީ އަހުމަދެއް ނޫނީ އާދަނެކެވެ. ބުނުމުގައި މުސްލިމެކެވެ. އުޅުމުގައި ޔަހޫދީއެކެވެ.
ނުބޯއެއްޗެއް ނުކާއެއްޗެއް ނެތެވެ. ދައުވާކުރަނީ އިސްލާމެއް ކަމަށެވެ. އެހެނަސް ލޯބިކުރަނީ ކާފަރުންނަށެވެ. ކިޔަން އޮތީ ކީރިތި ޤުރުއާނެވެ. އެކަމަކު ގަބޫލުކުރަނީ ކުފުރު ޑިމޮކްރަސީގެ ހަމަތަކެވެ. އަސްލު ސައިޒުން ފަސްއޮށެކެވެ. ނަމަވެސް ޖަދަލު ކުރަނީ މުޅި ކާއިނާތުގެ ވެރި ރައްބު ﷲ ޠަޢާލާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް