ރައީސުލްޖުމްހޫރިއްޔާ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް ބާއްވަވާ މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުން، މިހަފުތާގެ ބުދަދުވަހު ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.
މި ބައްދަލުވުން އޮންނާނީ މި ހަފްތާގެ ބުދަދުވަހުގެ މެންދުރުފަހު 2:00 ގައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅުއްވުމުން، ނަން ނޯޓު ކުރެއްވޭނެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން އަންނަ ސެޕްޓެންބަރު މަހުގެ 15 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ނަން ހުށަހެޅޭނެއެވެ. ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވާ ފޯމު، ރަސްމީ ގަޑިތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުންވެސް މި ފޯމް ޑައުންލޯޑްކުރެއްވޭނެއެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވުމަށް ކަމާބެހޭ ފޯމު ފޮނުއްވާނީ ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މިއަހަރު ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް