ޑރ. ޝަހީމަށް ކުޅެން ނޭނގުނު ދީނީ ކާޑު

މިހާތަނަށް ރާއްޖޭގެ ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއްގައި ދީނީ ކާޑު ވަނީ ވަރަށް ބޮޑަށް ބޭނުންކޮށްފައެވެ. ވަކިން ޚާއްސަކޮށް ފެހި ގާނޫނޫއަސާސީގެ ދަށުން ބޭއްވި އިންތިޚާބުތަކެކެވެ. 2008 ވަނަ އަހަރު ބޭއްވި...

19 Aug 2018 | 04:47

މިހާތަނަށް ރާއްޖޭގެ ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއްގައި ދީނީ ކާޑު ވަނީ ވަރަށް ބޮޑަށް ބޭނުންކޮށްފައެވެ. ވަކިން ޚާއްސަކޮށް ފެހި ގާނޫނޫއަސާސީގެ ދަށުން ބޭއްވި އިންތިޚާބުތަކެކެވެ. 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އާއި އޭރު އެ ޕާޓީ އާއި ގުޅިފައިވާ ޕާޓީތަކުން ދެއްކީ ތުބުޅީގައި ސޯސްލާފައި ތުބުޅި ބާލުވާ ވާހަކައެވެ. ދަރުސް ދިނުމަށް މިނިވަންކަމެއް ނެތް ވާހަކައެވެ. 2013 ގައި ޕީޕީއެމުން ވާހަކަ ދެއްކީ ރައީސް ނަޝީދަކީ ލާދިނީ ބޭފުޅެއް ކަމަށް ތުހުމަތުކޮށްފައެވެ. ބުދު ބެހެއްޓި ވާހަކަ ފަދަ ވާހަކަތައް ދެއްކިއެވެ. 2018 ގެ އިންތިޚާބުގައި ވެސް ދީނީ ކާޑު ދަނީ ދެ ޕާޓީން ކުޅެމުންނެވެ. ވަކިން ޚާއްސަކޮށް ޕީޕީއެމުން ދަނީ ވަކިން ބޮޑަށް ދީނީ ކާޑުގެ ބޭނުންކުރެވޭތޯ މަސައްކަތްކުރަމުންނެވެ. އެގޮތުން ރައީސް ޔާމިންގެ ރަނިންމޭޓެއްގެ ގޮތުގައި ނެންގެވީ ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. ޝަހީމެވެ. ޝަހީމަކީ ކުރީގެ އިސްލާމިކް މިނިސްޓަރެވެ. އަދި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސްލަރ ވެސް މެއެވެ. ފިގުހު އިލްމުން ޕީޗީއެޑްނީ ނަންގަވާފައިވާ ހާފިޒެކެވެ.

ޑރ. ޝަހީމް ރަނިންމޭޓަކަށް ވަޑައިގެން ރާއްޖެޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުތަކުން އާއްމުންގެ ފާޑުކިޔުން އެ ބޭފުޅާ އަށް އަމާޒުވިއެވެ. ޕްރެޒެންޓަރު ކުރައްވާ ގިނަ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ބަދަލުގައި އެ ސުވާލު ކުރައްވަންވީ އެހެން ފަރާތަކާކަމަށް ވިދާޅުވިއެވެ. ދީނީ ކަންކަމުގަޔާއި ދީނީ ސިޔާސަތާއި ބެހޭ ގޮތުން ކުރެއްވި ސުވާލުތަކަށް އެދެވޭ ޖަވާބެއް ނުދެއްވުނު ކަމަށް ބައެއް ބޭފުޅުން ވިދާޅުވިއެވެ.

https://twitter.com/Raajje_tv/status/1017980900397572096

ދެން ބައިވެރިވެ ވަޑައިގަތީ ސަންގު ޓީވީ ޕްރޮގްރާމެއްގައެވެ. އެ ޕްރޮގްރާމްގެ ސަބަބުންވެސް ލިބުނު ތަރުހީބަށް ވުރެ ބޮޑަށް ކީ ފާޑުކިޔުންތައް އިތުރެވެ. ޕްރެޒެންޓަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަން އުދަގޫފުޅުވެގެން ސަންގު ޓީވީން ގެނެސްދިން ވީޑިއޯގައި ހުރީ ރައީސް ޔާމީންގެ އަޑުކަން ޔަގީންނުވާ ކަމަށް ވިދާޅުވިއެވެ.

އެއްމެފަހުން ތިނަދޫ އަށް ވަޑައިގެން އެ ރަށުގައި އިމާރަތްކުރަމުންދާ އިސްލާމީ މަރުކަޒުގައި ދެ ޖިންސް މަސްހުނިކޮށްގެން އެބޭފުޅާ މެދުގައި އިށީދެ ވަޑައިގެން ނެންގެވި ފޮޓޯ އާއި އެކު ގިނަ އާއްމުންނާއި ޝެއިޚުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިކަމާއި ގުޅިގެން މެމްބަރު މަހުލޫފު ކުރެއްވި ޓްވީޓަކަށް ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވަމުން  މައްޝޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ އެއީ ދީނަށް ފުރައްސާރަކުރުން ކަމަށެވެ. މި ނޫންވެސް ބައެއް ޝައިޚުން ވަނީ މިކަމަށް ފާޑުވިދާޅުވެފައެވެ.

https://twitter.com/AhmedMahloof/status/1030086991776382977

މީގެ އިތުރުން އިސްލާމްދީން ހިމާޔަތްކުރުމަށް ވަކި ބޭފުޅަކަށް ވޯޓްދެއްވުމަށް ގޮވާލައްވަމުން ގެންދަވާތީ ވެސް އާއްމުނާއި ދީނީ އިލްމުވެރިން ދަނީ ޑރ. ޝަހީމަށް ފާޑުވިދާޅުވަމުންނެވެ.

ދީނީ ކާޑު ކުޅުއްވަން އުޅުއްވައިގެން ޑރ. ޝަހީމަށް ހެއްދެވެނީ ގޯހަކަށް ފަހު ގޯހެކެވެ. މިފަދަ ސަބަބުތަކާއި ހެދި ޑރ. ޝަހީމްއަކީ ރަނިންމޭޓަކަށް އެއްމެ ރަނގަޅު ބޭފުޅާތޯ ވެސް ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް