ޕޮސިޓިވް މީހުން ތެރެއިން އެންމެ ގިނަ މީހުން އެޑްމިޓް ކުރީ މިދިޔަ ހަފްތާގައި

ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ލޮކްޑައުނަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވަނީ މިދިޔަ ހަފްތާގައި ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝ...

19 Jul 2020 | 06:53

ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ލޮކްޑައުނަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވަނީ މިދިޔަ ހަފްތާގައި ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މެއި 27 ވަނަ ދުވަހުގެ ފަހު މިހާތަނަށް އެންމެ ގިނަ މީހުން އެޑްމިޓް ކޮށްފައިވަނީ މިމަހުގެ 8-14 ވަނަ ދުވަހާއި ދެމެދު އެވެ. އެ މުއްދަތުގައި ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 39 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދިން އިރު އެއީ ފަރުވާ ދެމުންދާ މީހުންގެ 17 ޕަސެންޓެވެ.

އޭގެ ކުރިން އެ މުއްދަތުގައި ހޮސްޕިޓަލުގައި ފަރުވާ ދީފައިވަނީ އެންމެ ގިނަ ވެގެން ހަފްތާއެއްގެ ތެރޭގައި ހަތް ޕަސެންޓު މީހުންނަށެވެ. އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ކޯވިޑްގެ އިތުރުން އެހެން ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.

މިހާރު ކޯވިޑް ޖެހިގެން ފަރުވާ ދެމުންދަނީ 543 މީހުންނަށެވެ. އޭގެ ތެރެއިން 49 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

އެ ސެންޓަރުން ބުނެފައިވާގޮތުގައި ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދޭން ގާއިމްކޮށްފައިވާ ތަންތަނުގެ 90 ޕަސެންޓު ފުރުމުން ނޫނީ މިހާރު ދޫދީފައިވާ ފިޔަވަޅުތައް ހަރުކަށިއެއް ނުކުރާނެ އެވެ. އެއީ ބައްޔަށް ފަރުވާ ދެވޭނެ އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިހާރު ގާއިމް ކުރެވިފައިވާތީ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަައްދެއްގައި ކޯވިޑަށް ފަރުވާދޭނެ އެންމެ ފުރިހަމަ އިންތިޒާމްތަކާއި އެކު ކޯވިޑް މެނޭޖްމެންޓު ފެސިލިޓީތައް ވަނީ ގާއިމްކޮށްފައި އެވެ. އަދި އެ ހޮސްޕިޓަލްތަކުގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައި އެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 2،930 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް