ބ. އަތޮޅުގައި ރިސޯޓު ހަދަމުންދާ ބޮޑުފިނޮޅުގައި މަސައްކަތް ކުރި މަސައްކަތު މީހުންގެ މުސާރަ ދިނުމަށް ރިޒް ކުންފުނީގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިއްޖެ އެވެ.
އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން މި އަމުރު ނެރެދިނުމަށް އެދިފައިވަނީ ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގައި އެވެ.
ޕީއައިއެލްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބޮޑުފިނޮޅުގައި މަސައްކަތް ކުރި ބިދޭސީންގެ އިތުރުން ދިވެހިންނަށް މުސާރަ ނުދޭކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން ދެ ދިވެއްސަކު އެ މައުލޫމާތު އެމީހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ދެ ދިވެހިންނަކީ އެ ރަށުގައި މަސައްކަތް ކުރި ރިޒް ކުންފުނީގައި ހަމައެކަނި ދިވެހި ދެ މުވައްޒަފުންނެވެ. އަނެއް198 މުވައްޒަފުންނަކީ ރިޒްގެ ބިދޭސީ މުވައްޒަފުންނެވެ.
ޕީއައިއެލްސީން ބުނީ އެ މުވައްޒަފުންގެ ހައްގުގައި މިމަހުގެ15 ވަނަ ދުވަހު ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލަށް ރިޒް ކުންފުންޏާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ. އެ މައްސަލައިގަ އެދިފައިވާނީ ނުދީ ހުރި މުސާރަ އެއްފަހަރާ އެ މުވައްޒަފުންނަށް ދިނުމަށް އަމުރުކޮށްދިނުމަށެވެ.
ޕީއައިއެލްސީން ބުނީ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ކުރިން ރިޒް ކުންފުންޏާއި ވާހަކަ ދައްކައިގެން އެ މުވައްޒަފުންގެ މުސާރަ ލިބޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރި ކަމަށެވެ. އެކަމަކު މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ އެ ކުންފުނީގެ ފަރާތުން އެއްބާރުލުން ނުލިބި މައްސަލައަށް ހައްލެއް ނައުމުން ކަމަށެވެ.
ރިޒް ކުންފުނިން މުސާރަ ނުދީގެން އެ ކުންފުނީގެ ބިދޭސީ މުވައްޒަފުން ވަނީ އެ ރަށުގައި މަސައްކަތް ކުރި13 ދިވެއްސަކު ރަހީނުކޮށްފައި އެވެ. ފަހުން އެމީހުން ފުލުހުން ވަނީ ސަލާމަތް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް