ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ނަގިއްޔެއް ނަގަން ވެގެން މޫދަށް ފޭބުމަށްފަހު ހަބަރެއް ނުވެގެން ހޯދި ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ކ.ގުޅިފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށް ކިޔާ ...

19 Jul 2019 | 13:41

ނަގިއްޔެއް ނަގަން ވެގެން މޫދަށް ފޭބުމަށްފަހު ހަބަރެއް ނުވެގެން ހޯދި ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ކ.ގުޅިފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށް ކިޔާ މަސް ދޯނީގެ ނަގިލި ނަގަން ފޭބި މީހާ ފެނުނީ އެ މީހާގެ ޚަބަރެއް ނުވެގެން އޭނާ ހޯދުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކުރި މަސައްކަތުންނެވެ.

"މި މީހާ ފެނިފައިވަނީ މިއަދު 16:23 ހާއިރު ކަނޑުގެ 21 މީޓަރު އަޑިންނެވެ. މީމީހާ ހޯދުމަށް މިއަދު 09:00 އިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން އެމީހާ ނަގިލި ނަގަން ފޭބި ކަމަށް ދޯނީގެ ކެޕްޓަން ބުނި ސަރަޙައްދަށް ޑައިވަރުން ފައިބައިގެން އޭނާ ހޯދުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި މީހާ ހޯދުމަށްޓަކައި ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ތިން ޑައިވެއް ކޮށްފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު 17:00 ހާއިރު މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.

މި މީހާގެ ޚަބަރެއް ނުވެގެން މިއަދު ހެނދުނު 08:50 ހާއިރު "ސާހިބާ" ދޯނީގެ ފަރާތުން އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދިނުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައި ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް