ސިޔާސީ މީހުން ޖަލަށްލަނީ މިނިވަންކުރަން ނޫންކަމަށް ރައީސް ވިދާޅުވި – އަދީބު

ސިޔާސީ މީހުން ޖަލަށް ލަނީ މިނިވަންކުރަން ނޫންކަމަށާއި، އުމުރަށް މަރުވަންދެން ޖަލުގައި ބޭތިއްބުމަށްކަމަށް ރައީސުލްޖުމްޖޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައިވާކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އ...

19 Jul 2018 | 18:44

ސިޔާސީ މީހުން ޖަލަށް ލަނީ މިނިވަންކުރަން ނޫންކަމަށާއި، އުމުރަށް މަރުވަންދެން ޖަލުގައި ބޭތިއްބުމަށްކަމަށް ރައީސުލްޖުމްޖޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައިވާކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާ ހަވާލާދީ އޭނާގެ ވަކީލުން ވިދާޅުވެއްޖެއެވެ.

އަދީބުގެ ވަކީލުން މިހެން ވިދާޅުވެފައި މިވަނީ އަދީބު އެކަހަރިކޮށް ޖަލުގައި އޮންނަތާ 1000 ދުވަސްވުމާއި ގުޅިގެން އަދީބުގެ ވަކީލުންގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނުގައެވެ. މިނޫސްބަޔާނުގައި ވާގޮތުން ރައީސް ޔާމީނާއި އަދީބުއާއި ދެމެދު ފުރަތަމަ ދެބަސްވުން އުފެދުނީ 2015 ވަނަ އަހަރު ބޭއްވި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުން އެއްބަސްވެފައިވާ ކަންތައްތައް ކުރުމަށް ރައީސް ޔާމީން ދެކޮޅުހެއްދެވި ހިސާބުންނެވެ. އޭރު ޖަލުގައި ތިއްބެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމެވެ.

އޭރު ކުރިޔަށްދިޔަ ސިޔާސީ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ހުންނެވީ އަދީބު ކަމަށާއި، އޭރު ކުރެވުނު މަޝްވަރާތަކަކީ ޖަލުގައި އޭރު ތިއްބެވި ތިން ބޭފުޅުން މިނިވަންކުރުމަށާއި ، ސަރުކާރުން އެދޭ ބައެއް ކަންކަން އިދިކޮޅު ފަރާތްތަކުން ކޮށްދިނުމާ ގުޅޭގޮތުންކަމަށް އަދީބު ވިދާޅުވިކަމަށް މިބަޔާނުގައި ވެއެވެ. އޭރު ކުރެވުނު މަޝްވަރާތަކުގައި އިދިކޮޅު ފަރާތްތަކުން އެއްބަސްވިގޮތަށް ހުރިހާ ކަމެއް ކުރިނަމަވެސް ސަރުކާރުގެ ފަރާތުން އެކަންކަން ކުރެއްވުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވިކަމަށް އަދީބު ވިދާޅުވިއެވެ.

މި ނޫސްބަޔާނުގައި އިތުރަށް ވަކީލުން ވިދާޅުވެފައިވަނީ ރިޔާސީ ލޯންޗުކޮޅުގައި ހާދިސާއެއް ހިނގާ އަދީބްވެސް ވަނީ އެހެނިހެން ސިޔާސީ ފަރާތްތަކާ އެއްގޮތަށް ފުރޭމްކުރެވި ޖަލަށް ލެވިފައި ކަމުގައެވެ. އަދި އަދީބް ޖަލުގައި ހުންނަވާ އިދިކޮޅު ފަރާތްތަކާގުޅި "އެމް.ޔޫ.އޯ" އާ ގުޅުމާއެކު ޝަރީޢަތްތައް އަވަސްކޮށް ހިންގާ ބޮޑެތި ހުކުމްތައް އަދީބަށް ކޮށްފައިވާކަމަށް އަދީބުގެ ވަކީލުން މިބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

" ފަހުގެ ތާރީހެއްގައި 1000 ދުވަހު އެކަހެރިކޮށް ބަންދުކުރެވިފައިވާ ސިޔާސީ ފަރާތަކީ ހަމައެކަނި އަދީބްއެވެ. އަދި މިމުއްދަތުގައި އަދީބަށް އާންމު ޤައިދީއަކަށް ލިބޭ މިންވަރަށްވެސް އެއްވެސް އިނާޔަތެއް ސަރުކާރުން ފޯރުކޮށްދީފައެއް ނުވެއެވެ. " އަދީބުގެ ވަކީލުން ނެރުއްވާފައިވާ ބަޔާނުގައި ވެއެވެ.

އަދީބްގެ ބޭސް ފަރުވާގެ ކަންތައްތައް ހަމަޖައްސަވާދެއްވުމަށާއި ދިވެހިރާއްޖޭގެ ސްޕްރިމް ކޯޓުން  ފެބްރުއަރީ އެއް ވަނަ ދުވަހު ކޮށްފައިވާ ހުކުމް ތަންފީޒުކުރަމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގޮވާލާކަމަށްވެސް ވަކީލުންގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ސްޕެޝިއަލް ޕްރޮޓެކްޝަން ލިބިދޭން ޖެހޭ މީހަކަށް އަދީބް ވާތީ އާއިލީ ބައްދަލުވުން އަދި ވަކީލު ބައްދަލުވުން ގާނޫނާ ގަވައިދާ އެއްގޮތަށް ދެމުން ގެންދިއުމަށް މުއައްސަސާތަކަށް ގޮވާލާކަމަށްވެސް ވަކީލުން ނެރުއްވާފައިވާ ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް