ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅާނެކަމާއި ، އެކަމުން އެމަނިކުފާނަށް ވާނެ ދައްޗެއް ނެތްކަމަށާއި ފިޔަވަޅު އަޅައިފިނަމަ ދަތިވާނީ ދިވެހިރައްޔިތުންނަށް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ގޮތްދޫނުކުރައްވާތީ ހިތާމަކުރާކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވެ ކުރައްވާފައިވާ ޓްވީޓްގައި އިތުރަށްވަނީ އެބޭފުޅުންގެ ވެރިކަމެއްގައި ކޮށްދޭނީ އޯގާތެރި ވެރިކަމެއް ކަމުގައެވެ. އިބޫ މިހެން ވިދާޅުވެ ޓްވީޓް ކޮށްފައިވާއިރު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ހއ.ކެލާގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމް ވިދާޅުވުވީ އީޔޫ އިން ފިޔަވަޅު އަޅާ ނަމަ، އެންމެ ބޮޑަށް ގެއްލުން ލިބޭނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ކަމަށެވެ. އެހެން ވެއްޖެ ނަމަ ވިޔަފާރިވެރިންނަށް، ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް އެރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ އެ މީހުން ރައީސް ޔާމީން ހައްޔަރު ކުރަން ނާންނާނެކަމަށާއި އެހެންކަމުން ޝަހްސީ ގޮތުން، ޒާތީ ގޮތުން ރައީސަށް ލިބޭ ގެއްލުމެއް ނޯންނާނެކަމަށެވެ. .
އެކަމަކު، ރާއްޖޭގެ ވިޔަފާރިވެރިންނަށް ތަންތަނަށް ނުދެވޭ ގޮތްވުމާއި ގައުމުތަކުގެ ރައްޔިތުންނަށް ރާއްޖެ އަށް ޒިޔާރަތް ނުކުރެވޭ ގޮތަށާއި ޓޫރިޒަމް ނުހިންގޭ ގޮތަށް ކަންކަން ކޮށްފިނަމަ، އޭގެ ގެއްލުން ލިބޭނީ ގައުމު ހިންގަން ދެން ތިބޭ ބަޔަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އިސްވެރިންނާ ދޭތެރޭގައި އީޔޫ އިން ފިޔަވަޅު އަޅަން ނިންމައި މިދިޔަ ހޯމަ ދުވަހު ވަނީ އޮނިގަނޑެއް ފާސްކޮށްފައެވެ. އެކި ގައުމުތަކުގައި ހުރި، ރާއްޖޭގެ ވެރިންގެ މުދާތައް ހިފަހައްޓައި، ޔޫރަޕްގެ އެކި ގައުމުތަކަށް ދަތުރުކުރުން މަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް އީޔޫއިން ފާސްކުރި އޮނގަނޑުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް