ރައީސް މައުމޫން ވިދާޅުވަނީ " ނުކުރާ ކަމަކަށް އެއްބަސް ނުވެވޭނެ ކަމަށް "

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދެއްވި ނަމަ، އެމަނިކުފާނު ހުންނަވާނީ ގޭގައި ކަމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވުމުން ރައީސް މައުމޫންގެ ވަކީލް، އަދި ކޮއްކޯފުޅު މައު...

19 Jul 2018 | 09:53

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދެއްވި ނަމަ، އެމަނިކުފާނު ހުންނަވާނީ ގޭގައި ކަމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވުމުން ރައީސް މައުމޫންގެ ވަކީލް، އަދި ކޮއްކޯފުޅު މައުމޫން ހަމީދު އެކަމަށް ރައްދުދެއްވައިފިއެވެ. މައުމޫން ހަމީދު އެކަމަށް ރައްދުދެއްވާ މިއަދު ވަނީ ޓްވީޓްތަކެއް ކުރައްވާފައެވެ.

އެކަމާ ގުޅިގެން މައުމޫން ހަމީދު ކުރެއްވި ފުރަތަމަ ޓްވީޓްގައި ވަނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މައުމޫން އަބްދުލްޣައްޔޫމްގެ އަރިހަށް ދޫނިދޫ ޖަލަށް ވަޑައިގެން ވިދާޅުވީ " ރައީސް އެދިވަޑައިގެންނަވަނީ މަނިކުފާނު އެއްބާރުލުން ދެއްވުމަށް" ކަމަށެވެ. އެކަމަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވިކަމަށް މައުމޫން ހަމީދު ވިދާޅުވެފައިވަނީ " އެއްބާރުލުން ދިނުމަކީ ނުކުރާކަމަކަށް އެއްބަސްވުން ކަމަށްވަންޏާ އެކަމެއް ނުކޮށްދެވޭނެ" ކަމަށެވެ.

މައުމޫން ހަމީދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ޖަލުގައި ހުންނަވަން ޖެހުނީ އަމިއްލަ މަސްލަހަތާ އާއިލާއަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރެއްވުމުން، އެކަން މިވަގުތު ބާރުގައި ތިބި މީހުންނަށް ހަޖަމްނުކުރެވިގެން ކަމުގައެވެ.

މީގެއިތުރުން ސަރުކާރާ ގުޅިވަޑައިގެންނެވި ނަމަ، ރައީސް މައުމޫނާއި ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމަށް މިހާރު ކުރިމަތިވެ ވަޑައިގެންފައިވާ ބޭއިންސާފާއި މުޅި އާއިލާ ތަހައްމަލްކުރާ ވޭންތައް ޖާދުލެއް ފަދައިން ގެއްލުނީސް ކަމަށް، އެހެން ޓްވީޓެއް ގައި މައުމޫން ހަމީދު ލިއުއްވާފައި ވެއެވެ.

މައުމޫން ހަމީދު ވިދާޅުވީ ތިން ބޭފުޅުން ވެސް ތިއްބެވީ ސާބިތުކަންމަތީގައި ކަމަށެވެ. އަދި ހިލިހިލާ ޖެހިޔަސް އެ ބޭފުޅުންގެ ނަފުސު ވިއްކާނުލާނެކަމަށް މައުމޫން ހަމީދުގެ ޓްވީޓެއްގައި ލިޔުއްވާފައިވެއެވެ.

ތަހުގީގަށް ފޯނު ނުދެއްވި މައްސަލަގައި މައުމޫން ގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް