ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑީގެ މައްސލައިގާ މިއަދު ސުޕްރީމް ކޯޓުން އިއްވަން އޮތް ހުކުމް ފަސްކޮށްފި އެވެ.
މި މައްސަލައަކީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް އޮތް އޮތުން ބާތިލުކޮށްދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލއެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރުގައި ކަނޑައަޅާފައިވަނީ އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އެ ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހުގައި ކުރި ހުކުމަކީ ބާތިލު ހުކުމެއް ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ކަނޑައަޅާފައިވީނަމަވެސް އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ފެބްރުއަރީ އެކެއްގެ އަމުރުގެ އެ ބައި ބާތިލުކޮށްދިނުމަށްއެދި ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އޮފީހުން އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅާފައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެވެ. މި މައްސަލައިގެ ހުކުމް އިއްވުން ކެންސަލް ކުރިކަން ސުޕްރީމް ކޯޓުން ހާމަކުރައްވާފައިވީނަމަވެސް ކެންސަލް ކުރި ސަބަބު ހާމަކުރައްވާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް