ރިސޯޓު މުވައްޒަފުންނަށް ވޯޓު ލުމުގެ ޙައްޤު ފަހިކުރުމަށް ރިސޯޓްތަކުގެ މެނޭޖްމެންޓަށް ޓީމުން ގޮވާލައިފި

ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ އަދަދު 100 އަށް އަރާނަމަ އެ ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަލައިގަނެ މަސައްކަތްތެރިންނަށް ވޯޓުލު...

19 Jul 2018 | 06:40

ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ އަދަދު 100 އަށް އަރާނަމަ އެ ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަލައިގަނެ މަސައްކަތްތެރިންނަށް ވޯޓުލުމުގެ ޙައްޤު ފަހިކުރުމަށް ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް(ޓީމް) ން ރިސޯޓްތަކުގެ މެނޭޖްމެންޓަށް ގޮވާލައިފިއެވެ.

ޓީމުން ބުނީ 100 ދިވެހި މުވައްޒަފުން ހަމަވާ 80 އަށް ވުރެ ގިނަ ރިސޯޓް އެބަހުރިކަމުގަ އެވެ. އެހެންކަމުން އެ ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށްޓަކައި އެންމެހާ މަސައްކަތެރިން ނިކުމެ ވޯޓު ރެޖިސްޓްރޭޝަންގެ ކަންކަން ކުރިޔަށް ގެންދިޔުން މުހިންމުކަމުގަ އެވެ. އަދި އެކަމަށް ރިސޯޓްތަކުގެ މެނޭޖްމެންޓްގެ އެއްބާރުލުން ދޭންޖެހޭކަމަށްވެސް ޓީމުން ބުނެފައި ވެއެވެ.

ކުރިން އިލެކްޝަން ކޮމިޝަނުން ވަނީ 250 ދިވެހި މުވައްޒަފުން ހަމަވާ ރިސޯޓްތަކުގައި އެކަނި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފަ އެވެ. ނަމަވެސް އިލެކްޝަންގެ ނިންމުން ބަދަލުކުރުމަށް އެކި ފަރާތްތަކުން ގޮވާލަމުންދިޔުމާއެކު އިލެކްޝަން ކޮމިޝަންގެ އެ ނިންމުން ފަހުން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން މިހާރު އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ 100 ދިވެހި މުވައްޒަފުން ހަމަވާ ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފަ އެވެ. އެހެންނަމަވެސް ވޯޓު ފޮށި ބަހައްޓާނީ އެއަދަދަށް ވޯޓު ލުމަށް ރަޖިސްޓްރީ ކުރާ ރިސޯޓް ތަކުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް