ހދ ހަނިމާދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމު ޚިދުމަތް ރަސްމީކޮށް ފަށައިފި

ހދ ހަނިމާދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފިއެވެ. ހއ އަދި ހދ ގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަރުދަމާ ނިޒާ...

19 Jul 2018 | 05:20

ހދ ހަނިމާދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފިއެވެ. ހއ އަދި ހދ ގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ހަނިމާދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ހދ. ހަނިމާދޫގައި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ. އަދި މި މަސައްކަތް ނިންމާފައިވަނީ 2017 ވަނަ އަހަރުއެވެ. މިމަޝްރޫޢުގެ ދަށުން އެރަށުގައި 3 ޕަމްޕް ސްޓޭޝަނެއް އެރަށުގައި ގާއިމްކޮށްފައިވާއިރު 300 މީޓަރުގެ އައުޓް ފޯލެއްވެސް ވަނީ އަޅާފައެވެ. ހަނިމާދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް  ފައްޓަވައިދެއްވައިފައިވެއެވެ. އަދި، ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ. ދިއްދޫއަށް  ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވައިފައެވެ.

މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި ހއ. ކެލައަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާ ގޮތަށް ހަދާފައިވާ ޖެޓީ  ވެސް ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް