ބޭންކް އޮފް މޯލްޑިވްސް އާއި އެހެނިހެން ކުންފުނި އަދި އިދާރާތަކުގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެދި، ކާޑުގެ މަޢުލޫމާތާއި ސެކިޔުރިޓީ ކޯޑު އަދި ޕިން ހޯދަން މަސައްކަތްކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމުގައި އެ ބޭންކުން ބުނެފިއެވެ.
އަދި ފަހަކަށް އައިސް މިފަދަ ހާދިސާތައް އިތުރުވަމުން އަންނަކަންވަނީ ފާހަގަކުރެވިފައެވެ. މިފަދަ ޢަމަލުތައް ހިންގާފަރާތްތަކުން ކުރަމުންދާ މަސައްކަތާއި އަޅާބަލާއިރު ނިސްބަތުން މަދު ބަޔަކަށް ގެއްލުން ލިބުނުކަމުގައިވިޔަސް އަޅުގަނޑުމެންގެ އިލްތިމާސަކީ ކަސްޓަމަރުން މިކަމަށް އިތުރަށް ސަމާލުވެ ހުރިހާ ވަގުތެއްގައިވެސް މިފަދަ ކަންކަމުން ރައްކާތެރިވުމެވެ. އަދި ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ ވާހަކަ ތަކުރާރުކޮށް ދަންނަވާކަމުގައިވެސް އެ ބޭންކުން ބުނެއެވެ.
"ހަމަ އެހެންމެ ބޭންކުން ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަކަށް ނުވަތަ ކޭޝް ކާޑުުގެ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްދިނުމަށް ބޭންކުން އެއް ގޮތަކަށްވެސް ނޭދޭނެއެވެ. އަދި އެފަދަ ކޯލްތަކަށް ކަސްޓަމަރުން ޖަވާބު ނުދީ އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ." ބީއެމްއެލްއިން ބުނެފައިވެއެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް ގެންނަންވީ މުހިންމު ކަންތައްތައް:
- އެއްވެސް ފަރާތަކަށް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުގެ މައުލޫމާތު ހިއްސާނުކުރުން
- ކަސްޓަމަރުންނަށް އަންނަ މިފަދަ ފޯންކޯލްތަކަށް އިތުރަށް ސަމާލުވެ، އެފަދަ ފޯންކޯލްތައް މެދުވެރިކޮށް އެދޭ
އެއްވެސް މަޢުލޫމާތެއް ހިއްސާނުކުރުމާއި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުން.
- އެއްވެސް ފަރާތަކަށް ކާޑުގެ މައުލޫމާތު ދެވިފައިވާނަމަ ނުވަތަ އެކައުންޓުން ގޮތްނޭނގޭ މުޢާމަލާތެއްކޮށްފައިވާކަން އެނގިއްޖެނަމަ ވަގުތުން ބޭންކަށް އަންގައި ކާޑު ބްލޮކް ކޮށް އައު ކާޑެއް ހެއްދުން.
ކާޑުގެ މައުލޫމާތު ހޯދާށާއި އެހެން ގޮތްގޮތުން ވެސް ބީއެމްއެލްގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންނަށް އޮޅުވާލާތީ، ބޭންކުން އަންނަނީ ދޭތެރެ ދޭތެރެއިން ހޭލުންތެރިކުރުވުމުގެ ކެމްޕޭންތައް ވެސް ހިންގަމުންނެވެ. އީމެއިލް އާއި އެސްއެމްއެސް ނުވަތަ ފޯނު ކޯލު މެދުވެރިކޮށް ކާޑު ނަމްބަރު، ކާޑުގެ ސީވީސީ ކޯޑު، އަދި ކާޑުގެ މުއްދަތު ހަމަވާ ތާރީހު އޮޅުންފިލުވަން އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ބޭންކުން ތަކުރާރުކޮށް އިލްތިމާސްކުރެއެވެ. އަދި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އަދި ޕާސްވޯޑް ހޯދުމަށް ފޮނުވާ އީމެއިލް ތަކަށް ޖަވާބު ނުދިނުމަށްވެސް އެ ބޭންކުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް