ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބަލަމުން އަންނައިރު އެ މައްސަލަތައް އާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ބަލަން ފަށަން އެ ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީއިން މި ނިންމުން މިގޮތަށް ނިންމާފައިމިވަނީ އެ ތަހުގީގު އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ފަނޑިޔާރު ދީދީވެސް އެދިލައްވާފައިވަނިކޮށެވެ.
މިއީ ފަނޑިޔާރެއްގެ ތަހުގީގު މީޑިއާ އާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފަހަރެވެ.
ޖޭއެސްސީން މައުލޫމާތުދޭގޮތުގައި މި މައްސަލައިގެ ތަހުގީގު މާދަމާ ހެނދުނު 10 ޖަހާއިރު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ފަށާނެއެވެ. އެ ތަހުގީގަށް ހާޒިރުވުމަށް ފަނޑިޔާރު ދީދީއަށް މިހާރު އަންގާފައިވާނެކަމުގައިވެސް ޖޭއެސްސީން ބުނެއެވެ.
މި މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމާފައިވާއިރު މި މައްސަލަ ބަލާތީ ޖޭއެސްސީން ވަނީ ފަނޑިޔާރު ދީދީ ސަސްޕެންޑްވެސް ކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިކަމާއި ގުޅިގެން ނެރުނު އަމުރެއްގައި ބުނެފައިވަނީ ޖޭއެސްސީގެ އެ ނިންމުން ފަސް ކުރުމަށެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ އެ އަމުރު ޖޭއެސްސީން ބަލައެއް ނުގަނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް