ބިގަށް 78 މިލިއަން ރުފިޔާ ދިނުމުގައި ނުފޫޒު ފޯރުވާފައެއް ނޯންނާނެ: ފައްޔާޒު

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) ން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުގެ ފަރާތުން ނުފޫޒެއް ފޯރުވާފައި ނުވާ...

19 Jun 2019 | 07:33

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) ން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުގެ ފަރާތުން ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކުންފުންޏަކީ  މިނިސްޓަރ ފައްޔާޒްގެ މަސްލަހަތު އޮތް ކުންފުންޏެއްތޯ ބެލުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ އެ ކުންފުންޏަކީ އޭނާގެ ވަރަށް ގާތް ފަރާތްތަކެއް ގުޅިގެން އުފެއްދި ކުންފުންޏެއް ކަމަށެވެ. އަދި ބިގް ކުންފުނީގެ މަސްލަހަތު އޭނާގެ އަތުގައި އޮތީ މާރިޗު 2015ވަނަ ދުވަހާއި ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ކުންފުނީގެ ހިއްސާދާރުކަމާއި ޑިރެކްޓަރުންގެ ބޯޑުން އޭރު ވަކިވާން ޖެހިވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެ ކުންފުންޏަށް ކުރި "ގޯނާތައް" އިތުރުވަމުން ގޮސް އަގު ނުކުރެވޭ ގެއްލުންތައް ލިބެން ފެށމުން، އެހެން ހިއްސާދާރުންގެ އެދުމުގެ މަތިންނެވެ. އަދި ބިގަށް 78 މިލިއަން ރުފިޔާ ދޭން ހުކުމް ކުރި އިރު، އޭނާގެ މަސްލަހަތެއް ކުންފުނީގައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އަދި މީގެ އިތުރުން އެ ކުންފުނީގެ ހިއްސާ ޔަގީނަށްވެސް އެމަނިކުފާންގެ އެއްބަޑު އެއްބަފާ ބޭބެ ( ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކެޓަރީ ހަސަން އިސްމާއިލް) ގެ ހިއްސާ އޮންނާނެ ކަން ޔަގީނަށް ބުނަން ކެރޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

”މިއަދު އަޅުގަނޑަކަށް ނޭނގޭ ކުންފުނީގެ ހިއްސާ އޮތީ ކިހިނެއް ކަމެއް. އެކަމަކު ޔަގީން ކަމާ އެކީގައި ދަންނަވަން އެނގޭ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެ (ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލް) ގެ ހިއްސާ އެ ކުންފުނީގައި އޮވޭ."

މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށް ލިބިފައި ހުރި އަނިޔާތަކާއި އޭރުގެ އިދިކޮޅު ފަރާތްތަކަށް ލިބިފައި ހުރި ގެއްލުންތައް ވަޒަން ކުރި އިރު ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށެވެ.

އެހެންވެ، މި ސަރުކާރަށް އަތުވެދާނެ ބޮޑު ބުރައަކުން ސަލާމަތް ކުރުމަށް މިގޮތަށް ހުރި ހުރިހާ މައްސަލަތަކެއް ދައުލަތަށް ބުރަ ނުވާނެ ގޮތަކަށް ވާހަކަ ދައްކައިގެން އަދުލުވެރި ގޮތަކަށް ނިންމޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާފައި ވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެމްއެންބީސީން ބިގަށް 78 މިލިޔަން ރުފިޔާ ދޭން ޖެހި އޭގެ ތެރެއިން 30 މިލިޔަން ރުފިޔާ ޕީއެސްއެމުން ވަނީ ދައްކައިފަ އެވެ.

ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރީ އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، 78 މިލިއަންގެ ތެރެއިން 72.9 މިލިއަން ރުފިޔާ އަކީ ޖޫރިމަނާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް