ގާސިމް އިއުލާނު ކުރެއްވި ކޯލިޝަނަކާއި ކެބިނެޓަށް އެހެން ބޭފުޅުން ދެކޮޅު!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފޭސްބުކް މެދުވެރިކުރައްވާ މިއަދު އިއުލާނު ކުރެއްވި "ޖުމްހޫރީ ކޯލިޝަން" އާއި ހިޔަނި ކެބިނެޓަށް އިދިކޮޅު އެހެން ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކާއި ގުޅިގެން މަސައްކަ...

19 Jun 2018 | 15:51

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފޭސްބުކް މެދުވެރިކުރައްވާ މިއަދު އިއުލާނު ކުރެއްވި "ޖުމްހޫރީ ކޯލިޝަން" އާއި ހިޔަނި ކެބިނެޓަށް އިދިކޮޅު އެހެން ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރައްވާ ފަރާތްތަކުން ދެކޮޅު ހައްދަވައިފި އެވެ.

ގާސިމް އިއުލާނު ކުރެއްވި ކޯލިޝަންގައި ހިމެނެނީ އެ ޕާޓީ އާއި، ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުންނާއި އަދާލަތު ޕާޓީ އެވެ. އަދި ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވާއިރު ރައީސަކީ ގާސިމް އިބްރާހިމް އެވެ. ނައިބު ރައީސަކީ މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދެވެ.

މި ކޯލިޝަންގައި އިދިކޮޅު އެމްޑީޕީ ނުހިމެނޭއިރު ގާސިމް އިއުލާނު ކުރެއްވި ކޯލިޝަނާއި، އެ ކޯލިޝަންގައި ހިމަނާފައިވާ އަދާލަތު ޕާޓީ އާއި ޖޭޕީގެ ބައެއް މެންބަރުންގެ އިތުރުން ރައީސް މައުމޫންގެ ފަރާތްޕުޅުން ވަނީ ދެކޮޅު ހަދާފައި އެވެ.

އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގުޅިފައިވާ ޕާޓީތަކުން އެކުގައި ކުރާ މަސައްކަތް ފިޔަވައި 2018 ގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަދާލަތު ޕާޓީން އެއްވެސް ބަޔަކާއި އެކު ކޯލިޝަން ނަހަދާ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމައިފިނަމަ އެކަން އެ ޕާޓީގެ ފަރާތުން އިއުލާން ކުރާނެ ކަމަށެވެ.

https://twitter.com/AdhaalathOffice/status/1009044465040781312

ރައީސް މައުމޫނަށް ތާއީދު ކުރައްވައިގެން މަސައްކަތް ކުރައްވާ އާމިނަތު ނާދިރާ ވިދާޅުވީ ރައީސް މައުމޫންގެ ފަރާތްޕުޅުން ގުޅިފައިވާ ޕާޓީތަކާއެކު ކޮމެޓީތަކުގައި ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ. އަދި މަޝްވަރާތަކުގައި އިސްކަން ދެއްވާނީ ގައުމަށް އަދި ގައުމީ މަސްލަހަތަށް ކަމަށާއި މަސައްކަތް ކުރަމުންދަނީ ހަތަރު ޕާޓީ އެކުގައި ކަމަށް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މިއަދު ޖޭޕީން އިއުލާނު ކުރި ކޯލިޝަނާއި ކެބިނެޓަކީ ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުންނާއި މަޝްވަރާ ކުރެވިގެން ކުރެވުނު ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

https://twitter.com/a_nadraa/status/1009057500660883456

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އޭނާއަކީ އޭނާއަށް ނާންގައި ހަވާލުކުރާ މަގާމު ނުވަތަ ހަވާލުކުރަން އުޅޭ މަގާމު ގަބޫލުކުރައްވާ ހިތްވާ ބޭފުޅެއް ނޫން ކަމަށެވެ. އޭނާ ހިތްހަމަނުޖެހުން ފާޅު ކުރައްވާ ޓުވީޓު ކުރެއްވީ ގާސިމްގެ ޓުވިޓާ އެކައުންޓު ޓެގު ކުރެއްވުމަށް ފަހު އެވެ.

https://twitter.com/akdeen/status/1009044295024721920

އިދިކޮޅު ކޯލިޝަނާއި ގުޅިގެން މަސައްކަތް ކުރައްވަމުންގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުވެސް ވިދާޅުވީ ޖޭޕީގެ މި ނިންމުމާއި ގުޅިގެން ހައިރާންކަން ލިބިފައިވާ ކަމަށެވެ. ގާސިމްގެ މި ނިންމެވުމާއި ގުޅޭގޮތުން އެމްޑީޕީން އަދި އެއްޗެއް ހާމައެއް ނުކުރެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އިދިކޮޅުން ބުނަމުން ދަނީ ގުޅިފައިވާ އިދިކޮޅު ކޯލިޝަނުން ނެރޭނީ އެއް ކެންޑިޑޭޓެއް ކަމަށެވެ. އެކަމަކު އިންތިހާބު ކައިރިވާ ވަރަކަށް ފެންނަމުން ދަނީ ކޯލިޝަން ބައިބައިވެ ރޫޅެމުންދާ މަންޒަރެވެ.

އެގޮތުން އެމްޑީޕީން ވަކިން ރިޔާސީ އިންތިހާބަށް ކެމްޕެއިން ފަށާފައިވާއިރު އެކަމާ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް