އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލީ ސުޕްރީމް ކޯޓުގެ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ހިދުމަތް މިދިޔަ ފެބްރުއަރީ ހަތަރެއް އަދި ފަހެއްގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ. މި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައި އެވެ.
އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިމަހުގެ ހަތް ވަނަ ދުވަހު ވަނީ ހުކުމަށް ތާއީދުކޮށްފައި އެވެ.
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އުއްތަމަ ފަނޑިޔާރުގެ އެންގެވުމަށް މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އެކިފަހަރު މަތިން ސުޕްރީމް ކޯޓުގައި ޖެމްސް ހުއްޓުވާލި ކަން ހެކިންގެ ބަހުން އެބައޮތެވެ. އެހެންވެ އެމަނިކުފާނުގެ އެ އަމަލަކީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގައި ބުނާ ފަދައިން މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތި ކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާ ޚިލާފްވެގެން ނުވަތަ އެ ނޫން ވެސް ހުއްދަ އަމަލެއް ކޮށްގެން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުން ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރުންގެ ގާނޫނު އޮތް ގޮތުން ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އުއްތަމަ ފަނޑިޔާރަށް 10 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވަ އެވެ. އެ މުއްދަތުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލައެއް 30 ދުވަސް ތެރޭގައި ސުޕްރީމް ކޯޓުން ނިންމަން އެ ގާނޫނު ލާޒިމް ކުރެ އެވެ.
މި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި ނަމަ އުއްތަމަ ފަނޑިޔާރުގެ މަގާމު އޮޓަމެޓިކުން ގެއްލޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް