ދާދިފަހުން އެމްޑީޕީން ވަކިވެ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ވަހީދު އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވައިފި އެވެ.
އެކަން އިއުލާނު ކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ. އަލީ ވަހީދަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރެވެ.
އަލީ ވަހީދު ވިދާޅުވެފައިވަނީ އެ މަގާމަށް ކުރިމަތިލާފައިވާތީ ހުރިހާ ރައްޔިތުންގެ ލޯތްބާއި ތާއިދާއި ހެޔޮ އެދުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އަދި އެމަގާމަށް ހޮވިއްޖެ ނަމަ ހުރިހާ މެންބަރުންނަށް ހަމަ ހަމަކަށް ގާއިމްކޮށްދީ، ގޮފިތަށް ބާރުވެރިކޮށް، އިންތިޒާމުވެފައިވާ ކޮމިޓީތަކަކާއި އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަލީ ވަހީދަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަންއެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު އެމްޑީޕީން ވަކިވެ ޖޭޕީ އާއި ގުޅިވަޑައިގެންނެވީ އެމްޑިޕީގެ ޗެއާޕާސަން ކަމުން އަމިއްލައަށް އިސްތިއުފާދެއްވިތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.
މޭޑޭގެ މުޒާހަރާ އާއި ގުޅިގެން އަލީ ވަހީދު ހައްޔަރުކޮށް އޭނާގެ މައްސަލައެއް ތަހުގީގު ކުރި އެވެ. އޭގެ ފަހުން އަމިއްލައަށް އަރުވާލެއްވިގެން ދިރިއުޅުއްވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެންނެވެ. ޖޭޕީގެ ރައީސް ކަމަށް އަލީ ވަހީދު ކުރިމަތިލެއްވި އިރު އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާދެއްވީ ގައުމުގައި ހުރެގެން ޕާޓީއަށް ހިދުމަތް ކޮށްދެވޭނެ ބޭފުޅަކާއި މަގާމު ހަވާލު ކުރުމަށް ކަމަށް އޭރު ވިދާޅުވި އެވެ.
އެކަމަކު ފަހުން ޖޭޕީއާއި ގުޅިވަޑައިގެންނެވުމަށް ފަހު ވިދާޅުވެފައިވަނީ އޭނާ އިނގިރޭސިވިލާތަށް ވަޑައިގެން ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަން ފެށުމުން އެކަން އެމްޑީޕީގެ އިސް ބޭފުޅުންނަށް ޖޯކަކަށްވެ އޭނާ މަގާމުން ދުރުކުރުމަށް ބަހަނާއަކަށް ހެދި ކަމަށެވެ. އަލީ ވަހީދުގެ ވާހަކައިން ދޭހަވިގޮތުގައި އޭނާ އެމްޑީޕީ ދޫކޮށްލެއްވީ ކާމިޔާބު ހޯދުމުގައި ހިޔާލުތަފާތުވެގެން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް