އދ. ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މަންދޫބުގެ ގޮނޑިއަށް ރާއްޖެ ވާދަ ކުރި އިންތިހާބުގައި ރާއްޖެ އާއި ދެކޮޅަށް މަސައްކަތް ކޮށް އެ ވޯޓު ރާއްޖެއަށް ކާމިޔާބު ވިޔަ ނުދިނުމަށްވެސް އިންޑިއާއިން މަސައްކަތް ކުރިކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.
މީގެ ދެތިން ދުވަސް ކުރިން އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ޕްރިންޓުގައި ބުނެފައިވަނީ އިންޑިއާއިން އެ އިންތިހާބުގައި ވޯޓު ދިނީ ރާއްޖެއާއި ދެކޮޅަށް ކަމަށެވެ. އެކަމަކު އެ ނޫހަށް މައުލޫމާތު ދީފައިވާ އިންޑިއާ ސަރުކާރުގެ އޮފިޝަލް އޭގެ ސަބަބެއް އަދި އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
މިއަދު އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި ހަވާލާދީ ބުނެފައިވަނީ ރާއްޖެއަށް ވޯޓު ނުދިންތާ ރާއްޖެއާއި ދެކޮޅަށް އިންޑިއާއިން ކެމްޕެއިންވެސް ކުރި ކަމަށެވެ. އަދި އިންޑިއާއިން ވޯޓު ދިނީ އިންޑޮނޭޝިއާއަށް ކަމަށް ބުނެފައިވެ އެވެ.
ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ވޯޓު ދޭނެކަން 60 ގައުމަކުން ލިއުމުން އަންގާފައިވެއެވެ. އަދި 30 ގައުމަކުން އަނގަ ބަހުން ބުނެފައިވެއެވެ.
ރާއްޖެއާ ދެކޮޅަށް ކެމްޕެއިން ކުރުމުގެ ގޮތުން އިންޑިއާއިން ވަނީ ރާއްޖެއަށް އެ އިންތިހާބުގައި ވޯޓު ދޭނެ ކަމަށް ބުނެފައިވާ ގިނަ ގައުމުތަކަކާއި ވާހަކަ ދައްކާ ފަހު ވަގުތު ވޯޓު އަނބުރާލާފައި ކަމަށް ބުނެފައިވެ އެވެ. ރާއްޖެއަށް ވޯޓު ދޭނެ ކަމަށް ބުނި ގިނަ ގައުމުތަކުން ގޮތް ނިންމުމުގައި ބަލަނީ އިންޑިއާއަށް ކަމަށާއި އެ ގައުމުތަކުން އިންޑޮނޭޝިޔާއަށް ވޯޓު ދޭން އިންޑިއާއިން ބާރު އެޅި ކަމަށް ބުނެފައިވެ އެވެ.
އެހެން ކަމުން މިއީ ހިޔާލުތަފާތުވުންތަކެއް ހުއްޓަސް ގާތް އެކުވެރި ދެ ގައުމަކުން ކަންކުރާ ގޮތް ނޫންކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ. އެކަމަކު އިންޑިއާއިން އަބަދުވެސް ބުނަމުންދަނީ ރާއްޖެއާއި އޮތް ގާތް ގުޅުން ހީނަރުވަމުން ނުދާ ކަމަށެވެ.
އިންޑިއާއިން ވޯޓުގައި ކަންކުރިގޮތް ހާމަވަމުން ދާއިރު ރާއްޖޭގެ ހައި ކޮމިޝަނަރު އަހުމަދު މުހައްމަދު މީގެ ކުރިން ވިދާޅުވީ އެ ގޮނޑިއަށް ވާދަ ކުރުމަށް އަވައްޓެރި އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށެވެ. އަދި ރާއްޖެ އާއި އެކު އިންޑިއާ ވާކަން ލިޔުމުން މިމަހުގެ ހަތް ވަނަ ދުވަހު އެ ގައުމުން ޔަގީންކޮށްދިން ކަމަށް ސަފީރު ވިދާޅުވެފައިވެ އެވެ.
މި މަހުގެ އަށް ވަނަ ދުވަހު އދގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެ ބަލިވެފައިވަނީ ބޮޑު ތަފާތަކުންނެވެ. ރާއްޖެއަށް 46 ވޯޓު ލިބުނު އިރު އިންޑޮނޭޝިޔާއަށް 144 ވޯޓު ލިބިފައިވެއެވެ.
އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު އިންޑިއާ އާއި އިދިކޮޅު ފަރާތްތަކަށް ފެންނަމުންދަނީ އިންޑިއާ ރައްޔިތުންނަށް ވިސާ ދިނުމުގައި ރާއްޖެއިން ހުރަސްތަކެއް ކުރިމަތި ކުރުވަމުންދާ ކަމަށް ބުނާ ވާހަކަ އެވެ. އެކަމަކު އިންޑިއާއިން ދިވެހިންނަށް ވިސާ ދިނުމުގައި ކުރިމަތި ކުރުވަމުންދާ ހުރަސްތައް ނުފެންނަ ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް