މިދިޔަ އީދު ބަންދުގައި ރިލީޒް ކުރި ބޮލީވުޑްގެ ސުޕާ ސްޓާ ސަލްމާން ހާންގެ " ރޭސް 3" އަށް ފުރަތަމަ ތިން ދުވަސް ތެރޭގައި 100 ކްރޯޑުގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ސަލްމާން ހާންގެ ފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހު އެ ފިލްމަށް ވަނީ 39.16 ކްރޯޑު ރުޕީސް ލިބިފައި އެވެ. އަދި ދެ ވަނަ ދުވަހު 29 ކްރޯޑު ލިބިފައިވާއިރު ތިން ވަނަ ދުވަހު ވަނީ 39.14 ކްރޯޑު ރުޕީސް ލިބިފައި އެވެ.
އެ ފަރާތްތަކުން ބުނީ ބުނީ މިއީ ފިލްމު ރިލީޒް ކުރުމުގެ ކުރިންވެސް ފިލްމަށް ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީއެއް ކަމަށެވެ. އެހެންވެ މިއީ ހައިރާންވާވަރުގެ ކާމިޔާބެއް ނޫން ކަމަށެވެ. އަދި އާންމުކޮށް އީދާ ދިމާކޮށް ރިލީޒް ކުރާ ސަލްމާންގެ ގިނަ ފިލްމުތަކަކީ ކާމިޔާބު ފިލްމުތައް ކަމަށް އެމީހުން ބުނެ އެވެ.
މި ފިލްމަކީ އީދާ ދިމާކޮށް ރިލީޒް ކުރި ސަލްމާންގެ ފިލްމުތަކުގެ ތެރެއިން ތިން ދުވަހުން 100 ކްރޯޑު ހަމަކުރި ހަތަރުވަނަ ފިލްމެވެ. މީގެ ކުރިން "ބަޖިރަންގީ ބައިޖާން" "ސުލްތާން" އަދި ޓައިގާ ޒިންދާހޭ" ވަނީ ތިން ދުވަހުން 100 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދާފައި އެވެ.
"ރޭސް 3" އިން ތިން ދުވަހުން 100 ކްރޯޑު ރުޕީސް ހޯދި ނަމަވެސް ދިޕިކާ ޕަދުކޯންގެ "ޕަދްމާވަތު ވައްޓާލެވޭ ވަރެއް ނުވި އެވެ. މި އަހަރު ރިލީޒް ކުރި ފިލްމުތަކާއި އަޅާ ބަލާއިރު ރިލީސް ކުރި ފުރަތަމަ ހަފްތާ ބަންދު ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ތެރޭގައި އަދިވެސް އޮތީ "ޕަދްމާވަތް" އެވެ. އެ ފިލްމު 114 ކްރޯޑު ރުޕީސް ހޯދި އިރު ދެވަނައަށް އެ މަގާމަށް އެރި "ރޭސް 3" އަށް ލިބުނީ 106 ކްރޯޑު ރުޕީސް އެވެ. ތިން ވަނަ މަގާމު ލިބޭ "ބާގި 2" އަށް ފުރަތަމަ ހަފްތާއިން ލިބިފައިވަނީ 73 ކްރޯޑު ރުޕީސް އެވެ.
ސަލްމާންގެ ރޭސްގައި އޭނާ އާއި އެކު ފެނިގެންދާ ތަރިންގެ ތެރޭގައި އަނިލް ކަޕޫރު، ބޮބީ ޑިއޯލް އަދި ޖެކޮލިން ފެނާންޑޭސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް