ސްޓްރާޑާއިން ކުލިވެސް ނުދައްކާއިރު ބަދަލެއް ދޭން އުޅުނީ އިތުރަށް ނާޖާއިޒު މަންފާ ހޯދައިދޭން: އޭސީސީ

ބްރިޖް ވިއު ޕްލެޓްފޯމް ހެދުމަށް ހައުސިން މިނިސްޓްރީން ހަދާފައިވާ އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަކޮށްފައިނުވާއިރު އަދި ކުލި ދައްކަމުން ގޮސްފައިނުވާއިރު އެތާނގައި ހެދި "ޗާޓައިމް" ނެގުމުގެ ބަދަލުގެ ...

19 May 2019 | 13:51

ބްރިޖް ވިއު ޕްލެޓްފޯމް ހެދުމަށް ހައުސިން މިނިސްޓްރީން ހަދާފައިވާ އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަކޮށްފައިނުވާއިރު އަދި ކުލި ދައްކަމުން ގޮސްފައިނުވާއިރު އެތާނގައި ހެދި "ޗާޓައިމް" ނެގުމުގެ ބަދަލުގެ ގޮތުގައި 14.5 މިލިޔަން ރުފިޔާ ދޭން އުޅުނީ ސްޓްރާޑާ ކުންފުންންޏަށް އިތުރަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ކަމަށް އޭސީސީން ބުނެފިއެވެ.

ޗާޓައިމްގެ ކަންތައްތަކާއި ގުޅިގެން އޭސީސީން މިއަދު ނެރުނު ރިޕޯޓެއްގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެކަންތައްތަކުގެ ތެރޭގައި

  • ބުރިޖްގެ އަމަލީ މަސައްކަތް ކުރިއަށްދާގޮތް އާންމުންނަށް ފެންނާނެ އިންތިޒާމެއް ހަމަޖެއްސުމަށް ބްރިޖް ވިއުއިން ޕްލެޓްފޯމެއް ފުޑް އައުޓްލެޓަކާއެކު ތަރައްގީ ކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް މަސައްކަތުގެ އެއްބަސްވުމުގައި 22 ސެޕްޓެމްބަރު 2016ގައި ސޮއިކޮށްފައިވާކަމާއި
  • އެއްބަސްވުމުގެ މުއްދަތަކީ އިމާރާތް ކުރުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑްގެ އިތުރުން ތިން އަހަރު ދުވަސް. މި އެއްބަސްވުމުގެ ދަށުން ކުރުމަށް ކަނޑައެޅި މަސައްކަތްތަކަކީ ބްރިޖް ވިއުއިން ޕްލެޓްފޯމް ހެދުމާއި ފުޑް އައުޓްލެޓް އޭރިއާ ތަރައްގީ ކުރުމާއި ޕްލެޓްފޯމްގެ އިރުން ޕާކިން އޭރިއާއެއް ތަރައްގީ ކުރުން. މީގެ އިތުރުން ސަރުކާރަށް ފައިދާ ލިބޭނެހެން އިސްތިހާރު ކުރުމަށް ލެޑްވޯލްތަކެއް ހަރުކުރަން ސްޓްރާޑާގެ ޕްރޮޕޯޒަލްގައި ހުށަހަޅާފައިވާކަމާއި
  • އެއްބަސްވުމުގައި ޗާޓައިމްގެ ގޮތުގައި އިމާރާތް ކުރިތަން ތަރައްގީކުރަން ހިމެނިފައެއް ނުވޭ. ނަމަވެސް ހައުސިން މިނިސްޓްރީއަށް ސްޓްރާޑާއިން ފޮނުވި ސިޓީއަކާ ގުޅިގެން އެތަން އިމާރާތް ކުރުމަށް ހުއްދަ ދީފައިވޭ، އެ ހުއްދަ ދީފައިވަނީ އުތުރު ފަރާތުގައި ހަދަން ނިންމި ޕާކިން ޒޯން ހުޅަނގަށް ޖެއްސުމަށްފަހު ކަމާއި
  • މީގެ އިތުރުން ޒަމާނީ ފުޓްބޯޅަ ޕިޗެއް ތަރައްގީކޮށް ސަރުކާރާ ހަވާލު ކުރުމާއި 240 ސައިކަލާއި 12 ކާރު ޕާކު ކުރެވޭ ޕާކިން އޭރިއާއެއް ތަރައްގީ ކުރުމާއި ރަނގަޅު ފެންވަރުގެ ސިނަމާއެއް ތަރައްގީ ކުރުމާއި މަގުމަތީ ގަސް އިންދައިދިނުމާއި ކުޑަކުދިން ކުޅޭ އިންޑޯ ޕްލޭ އޭރިއާއެއް ތަރައްގީ ކުރުން ހިމެނޭ ކަމާއި
  • އެކަންތައްތަކުގެ ބަދަލެއްގެ ގޮތުން އެއްބަސްވުން އިތުރު ފަސް އަހަރަށް އިތުރު ކުރުމަށް ހުށަހަޅާފައިވޭ. އަދި ސަރުކާރުން ބޭނުން ހިދުމަތެއް ދިނުމަށް ސީއެސްއާރުގެ ގޮތުގައި ދެމިލިޔަން ރުފިޔާ ދިނުމަށްވެސް ހުށަހަޅާފައިވާކަމާއި
  • ބްރިޖް ވިއުއިންގް ޕްލެޓްފޯމް ތަރައްގީ ކުރުމަކީ ވަގުތީ މަސައްކަތެއްކަން ލިޔެކިޔުންތަކުން އެނގޭއިރު އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ސަބަބުން އެއްބަސްވުމުގެ މައިގަނޑު މަގްސަދު ގެއްލިފައިވާކަން ފާހަގަކުރެވޭ. އެއްބަސްވުމަށް އިސްލާހު ގެނެސް 13 އޭޕްރީލް 2017ގައި ސޮއި ކުރިއިރު އެއްބަސްވުމުގެ ދަށުން ކުރަން އެއްބަސްވެފައިވާ ބައެއް ކަންކަން ފުރިހަމަކޮށްފައިނުވާކަންވެސް ފާހަގަކުރެވޭ ކަމާއި
  • މަގު ފުޅާ ކުރުމަށް ޗާ ޓައިމް އެހެން ތަނަކަށް ބަދަލުކުރަން ބޭނުންވާތީ އެކަން ހައުސިން މިނިސްޓްރީން 18 މާރިޗް 2018ގައި އަންގާފައިވާކަމާއި
  • ޖަވާބުގައި 19 މާރިޗް 2019 ގައި ޗާޓައިމް އިން ފޮނުވި ސިޓީގައި ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ލައުންޖާއި ސިނަމާ ތަރައްގީ ކުރުމުގެ ބަދަލުގައި އެތަން ތަރައްގީ ކުރުމަށް ދީފައިވާ ބިމުގައި ދެބުރިއާއި ޓެރަހެއް ހިމެނޭހެން އިމާރާތެއްކޮށް އިވެންޓް ކޮމްޕްލެކްސް އިމާރާތެއް ހަދައި އިމާރާތުގެ ގްރައުންޑް ފްލޯގައި ޕާކިން އާއި ޗާޓައިް ކެފޭ ހެދުމަށް ހުށަހެޅުމަށް ގުޅިގެން އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ހުއްދަދީ އެއްބަސްވުމަށް އިސްލާހު ގެނެސްފައިވާކަން ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން

  • އެއްބަސްވުމުގެ ދެވަނަ އިސްލާހުގައި 18 އޭޕްރީލް 2018ގައި ސޮއި ކުރިއިރު އެއްބަސްވުމުގެ ދަށުން ކުރުމަށް އެއްބަސްވެފައިވާ ގިނަ ކަންތައްތައް ފުރިހަމަކޮށްފައިނުވާކަން ފާހަގަކުރެވޭ. އަދި ބިމުގެ ކުލި ދައްކަމުން ނުދާކަން ފާހަގަކުރެވިފައިވޭ. ބިމުގެ ކުލި ދައްކާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި ހަމައަށް ކަމާއި
  • 29 އޮކްޓޯބަރު 2018 ގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ހަތަރު ސަތޭކަ ތިރީސްނުވަހާސް ތިންސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ނުދައްކާ އޮތްކަމަށް މީރާއިން މައުލޫމާތު ދޭ. އަދި ސީއެސްއާރުގެ ދަށުން ދައްކަން އެއްބަސްވި ދެ މިލިޔަން ރުފިޔާވެސް އެ ތާރީހާއި ހަމައަށް ދައްކާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

އޭސީސީން ބުނެފައިވަނީ ޗާޓައިމް އެތަނުން ނަގާފައިވަނީ ހައުސިން މިނިސްޓްރީން އަންގައިގެންކަމަށްވީނަމަވެސް ޗާޓައިމް ހިންގި އިމާރާތް ހެދުމުގެ ހުއްދަ ދީފައިވަނީ ޕްލެޓްފޯމްގެ ހިދުމަތް ލިބިގަންނަ މީހުންނާއި ޕްލޭ އޭރިއާ ބޭނުންކުރާ ކުދިންނަށް ފިނިބުއިން ވިއްކުމަށް ތަނެއް ހެދުމުގެ މަގުސަދުގައިކަން ލިޔެކިޔުންތަކުން އެނގޭއިރު، ފްރެންޗައިޒެއް ގެނެސް ބޮޑު އިންވެސްޓްމެންޓެއް ކޮށްފައިއެވަނީ ސްޓްރާޑާއިން އަމިއްލަ ރިސްކުގައި ކަމަށް ގަބޫލު ކުރެވޭތީއާއި އެއްވެސް ހާލެއްގައި އިމާރާތަށް ބަދަލެއް ދޭން ޖެހިއްޖެނަމަ، އިމާރާތް ހެދުމަށް ދިޔަ ހަރަދު ފިޔަވައި އެހެން ހަރަދެއް ދޭން ޖެހޭނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ބަދަލުގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅާފައިވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހާ ހަމައަށް ރެވެނިއުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ ސާފު ފައިދާގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރާ އަދަދުތަކަށް ބަލައިގެން ކަމަށްވާއިރު މިއީ ގެއްލުމުގެ ބަދަލު ހޯދުމުގައި އާންމުކޮށް އަމަލުކުރާ އުސޫލަކަށް ނުވާކަމަށްވެސް އޭސީސީން ބުނެފައިވެއެވެ. އަދި ޗާޓައިމް ހިންގި އިމާރާތް ނެގުމާ ގުޅޭގޮތުން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން، އެއްބަސްވުމުގެ 10.4 ވަނަ މާއްދާއަށް ބަދަލުގެނެސް، މަސައްކަތް ހަވާލުކުރާ ފަރާތުން ހުށަހަޅާފައިވާ ރިވައިސްޑް ޕްރޮޕޯސަލްގައިވާ މަސައްކަތް ކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ބެލުމަށްފަހު އަދުލުވެރި ބަދަލެއް ދިނުމަށް އެއްބަސްވެފައިވަނީ ޗާޓައިމް ހިންގި އިމާރާތް ނަގަން ޖެހުމާ ގުޅިގެން ސްޓްރާޑާއަށް އިތުރަށް ފައިދާއެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޗާޓައިމް ހިންގި ޢިމާރާތް ނެގުމުގެ މަސައްކަތަކަކީ ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލްކުރުން ނޫންކަމާއި ޗާޓައިމް އިންވެސްޓްމަންޓަކީ ސްޓްރާޑާއިން ހުށަހަޅާފައިވާ ރިވައިސްޑް ޕްރޮޕޯސަލްގައިވާ މަސައްކަތެއް ނޫންކަމަށްވާތީ އެއްބަސްވުމުގެ 10.4 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުގެ ދަށުންވެސް ޗާއިމް ޢިމާރާތުގެ ބަދަލުގެ ގޮތުގައި ދޭނެ ފައިސާގެ ޢަދަދު މިހާރު ހިސާބު ހަދާފައިވާގޮތަށް ހިސާބު ކުރެވޭނެކަމަށް ޤަބޫލުނުކުރެވޭ ކަމަށާއި ޗާޓައިމް ހިންގި ޢިމާރާތް ނަގާފައިވަނީ އެކަމުގެ ބަދަލުގައި ސްޓްރާޑާއިން އިތުރު ހުށަހެޅުންތަކެއް ހުށަހަޅައި އެކަމަށް ދެ ފަރާތުން އެއްބަސްވެގެންކަމަށްވާތީއާއި ޗާޓައިމް ޢިމާރާތް ނަގަންޖެހުމާ ގުޅިގެން އެކަމުގެ ބަދަލުގެ ގޮތުގައި ސްޓްރާޑާއިން ހުށަހަޅާފައިވާ ކަންތައްތަކަށް ބިނާކޮށް ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް 18 އޭޕްރީލް 2017 ގައި ދެވަނަ އިޞްލާޙެއް ގެނެސްފައިވާއިރު، އޭގެ އިތުރުން އެއްވެސް ބަދަލެއް ބޭނުންވާނަމަ، ޝަރުޢީ ކޯޓެއް މެދުވެރިވެގެން ނޫންގޮތަކަށް ކުރިއަށް ގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ޤަބޫލުނުކުރެވޭ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

ޗާޓައިމް ޢިމާރާތުގެ ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ 14,493,427.00 ރުފިޔާއަކީ ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ފައިސާއެއްކަމަށް ނުބެލެވޭތީ އެކަން މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރއަށް ވަނީ 20 ފެބުރުވަރީ 2019ގައި އަންގާފައެވެ.

އޭސީސީން ބުނެފައިވަނީ ބްރިޖް ވިއުއިން ޕްލެޓްފޯމު ތަރައްޤީކުރުމުގެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިނުވާއިރު އެކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް ނާޅައި އަދި އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާގޮތުގެމަތިން ދައްކަމުންނުދާތީ އެއްބަސްވުން ބާތިލްކުރުމުގެ އިޚްތިޔާރުގެ އޮވެ އެކަމާގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނާޅައި، ޗާޓައިމް ހިންގި ޢިމާރާތް ނަގަންޖެހުމާގުޅިގެން އެކަމުގެ ބަދަލުގައިކަމަށްބުނެ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަމަށް ބެލެވޭތީއާއި ޗާޓައިމް ހިންގި ޢިމާރާތް ނަގަން ޖެހުމުންކަމަށްބުނެ އެފަރާތަށް ދޭންނުޖެހޭ ފައިސާއެއް ދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވޭތީ މި މައްސަލަ މިކޮމިޝަނުން މިގެންދަނީ އިތުރަށް ތަޙްޤީޤުކުރުމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް