ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 113 މައްސަލައެއް މިދިޔަ މަހު ރިޕޯޓް ކޮއްފައިވޭ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 113 މައްސަލައެއް މިދިޔަ މަހު ރިޕޯޓް ކޮއްފައިވާ ކަމަށް ޖެންޑާރ މިނިސްޓްރީ އިން ބުނެފިއެވެ. މިއަހަރުގެ އޭޕްރީލް މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނ...

19 May 2019 | 07:48

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 113 މައްސަލައެއް މިދިޔަ މަހު ރިޕޯޓް ކޮއްފައިވާ ކަމަށް ޖެންޑާރ މިނިސްޓްރީ އިން ބުނެފިއެވެ.

މިއަހަރުގެ އޭޕްރީލް މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 113 މައްސަލައެއް ރިޕޯޓް ކޮއްފައިވާއިރު އެއީ އޭޕްރީލް މަހު ރިޕޯޓް ކޮއްފައިވާ ޖުމުލަ މައްސަލަތަކުގެ 55 އިންސައްތަ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކޮއްފައިވަނީ އިހުމާލު ވުމުގެ މައްސަލަތައް ކަމަށާއި، މި ބާވަތުގެ 37 މައްސަލަ ރިޕޯޓް ކޮއްފައިވާކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން މި ބާވަތަގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނީއްކައިގެ 22 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 22 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 22 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 4 މައްސަލާގެ އިތުރުން ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމުގެ 1 މައްސަލަ ހިމެނެއެވެ.

ހަމައެއާއެކު، ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ 10 މައްސަލައެއްވެސް ވަނީ މިދިޔަ މަހު ރިޕޯޓް ކޮއްފައެވެ.

މިއަހަރުގެ އޭޕްރީލް މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ޖުމުލަ 206 މައްސަލައެއް ރިޕޯޓްކޮށް އެޓެންޑްކޮއްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

އެގޮތުން މައްސަލަތަކުގެ ތެރޭގައި އާއިލީ މައްސަލަތައް، ކުށް ކުރާ ކުޑަ ކުދިންގެ މައްސަލަތައް، ކުޑަ ކުދިންގެ އަހުލާގީ މައްސަލަތައް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަމުގެ މައްސަލަތަކާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް