ރުއްގަސް ނެގުމުގެ ޤަވާއިދަށް އާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ފޯރަމެއް ބާއްވަން ނިންމައިފިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މި ފޯރަމް ބާއްވަން ނިންމީ ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމަކީ ފަހަކަށް އައިސް ވަރަށް ގިނައިން މިނިސްޓްރީއަށް ޝަކުވާ އަންނަ ކަމެއް ކަމަށް ވާތީއެވެ. މީގެ އިތުރުން މިހާރު ރުއްގަސް ނެގުމުގެ ޤަވާއިދު އޮންނަ ގޮތުން ބައެއް ފަރާތްތަކަށް ފިޔަވަޅު އެޅި، ބައެއް ފަރާތްތަކަށް ފިޔަވަޅު ނޭޅޭތީ މި ޤަވާއިދު އިސްލާހު ކުރުމަށް އާންމުންގެ ޚިޔާލު މިނިސްޓްރީއިން ބޭނުންވާތީ ކަމަށްވެސް އެ މިނިސްޓްރީން އިތުރަށް ވިދާޅުވިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މި ފޯރަމް އޮންނާނީ މި އަންނަ އަންގާރަ ދުވަހުގެ ރޭ، 21:30 ގައި ސަލްޓަން ޕާކުގައި ހުންނަ އެންފިތިއެޓާގައި ކަމަށެވެ. އަދި މި ފޯރަމުގައި އެންވަޔަރަންމަންޓް މިނިސްޓަރ ގެ އިތުރުން މިނިސްޓްރީގެ ކަމާބެހޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، މި ފޯރަމަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން ޚިޔާލު ފާޅުކުރެއްވުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ވިދާޅުވިއެވެ.
ރުއްގަސް ނެގުމުގެ އާ ޤަވާއިދެއް އެކުލަވާލައި އާންމު ކުރީ މި އަހަރުގެ ތެރޭގައެވެ. އެ ޤަވާއިދަށް އާންމުންގެ ހިޔާލު، ލިޔުމުން ހުށަހަޅަންވެސް މީގެ ކުރިން ވަނީ ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް