މިދިޔަ ހަފްތާ އެކަނިވެސް މާލޭގައި 54 އެކްސިޑެންޓް

މިދިޔަ ހަފްތާ އެކަނިވެސް މާލެ ސަރަހައްދުގައި 54 އެކްސިޑެންޓް ހިނގައިފައި ވާކަމަށް ފުލުހުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މި އެކްސިޑެންޓް ތަކުގައި 20 މީހަކަށް އެކިވަރ...

19 May 2019 | 07:03

މިދިޔަ ހަފްތާ އެކަނިވެސް މާލެ ސަރަހައްދުގައި 54 އެކްސިޑެންޓް ހިނގައިފައި ވާކަމަށް ފުލުހުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި އެކްސިޑެންޓް ތަކުގައި 20 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވާކަމަށާއި، 12 މީހެއްގެ ލައިސަންސް ހިފަހައްޓާފައި ވާކަމަށް ވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން 814 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހާފައެވެ. ގަވާއިދާ ހިލާފަށް ދުއްވައިގެން 12 ސައިކަލަކާއި 4 ފުރޮޅުލީ 16 ވެހިކަލެއް ޓޯ ކޮށްފައިވާކަމަށް ވެސް ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

އެ މުއްދަތުގެ ތެރޭގައި 502 ސައިކަލް ހުއްޓުވައި ބަލައި ފާސްކުރިއިރު، މީގެ ތެރެއިން ލައިސަންސް ނެތި 89 މީހަކު ވަނީ ހިފަހައްޓާފައެވެ. އަދި ލައިސަންސް ނުލައި ސައިކަލް ދުއްވި 57 ފަރާތަކަށް ފިޔަވަޅު އެޅާފައި ވާއިރު، ގަވާއިދާ ހިލާފަށް ބާރަށް ދުއްވައިގެން 13 ފަރާތަކާއި، 18 އަހަރު ނުފުރޭ ދެ ކުއްޖަކު ސައިކަލު ދުއްވައިގެން ވަނީ ހުއްޓުވާފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އަހަރީ ފީ ނުދައްކާ އުޅަނދު ދުއްވި 25 މީހެއްގެ މައްސަލައާއި، ރޯޑް ވާދިނަސް ނަހައްދާ ދުއްވި 19 މައްސަލައެއްގެ އިތުރުން، އިންޝުއަރެންސް ނެތި ދުއްވި 18 މީހެއްގެ މައްސަލައެއް ފުލުހުން ވަނީ ބަލާފައިވެއެވެ.

ފަހަކަށް އައިސް މާލޭގައި އެކްސިޑެންޓްތައް ހިނގާވަރު ވަރަށް ގިނައެވެ. ސަބަބަކީ ގަވާއިދަށް ބޯ ނުލެނބުން ކަމަށް ފުލުހުން ފާހަގަކުރެއެވެ. ދުއްވުމުގެ ގަވާއިދާ އެއްގޮތަށް ކޮންމެ މީހަކުވެސް ދުއްވާނަމަ އެކްސިޑެންޓްތައް ހިނގާ މިންވަރު މަދުވާނެއެވެ. އެކްސިޑެންޓް ތަކަކީ މީހާގެ ފުރާނައާއި ގުޅިފައިވާ ކަމެއް ކަމުން ދުއްވާ މީހުންނާއި ހިނގާ މީހުން ވެސް އުޅެންވާނީ ބަލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް