ކުރީގެ އަދަދާ ގުޅޭ...
ދުވަސްކޮޅެއް ކޮށްލާފައި ޒައިނާ އެގެއަށް އައީ މިއަދުއެވެ. ޒައިނާ އައީ އާލިމްގެ އެންމެ ހަގު ދަރިފުޅު ވެސް ގޮވައިގެންނެވެ. ޒައިނާ އައުމުން ޒާހިދާ ޒައިނާގެ ނަމުން ގޮވާލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. ޒާހިދާ ވަނީ ކޮޓަރިއަށެވެ. މަންމަގެ އެ އަމަލުން ޒައިނާ ވަރަށް ދެރަވިއެވެ. ނަމަވެސް އެކަން ނުދައްކައި ޒައިނާ ހިނގައިގަތީ ރާނީގެ ކޮޓަރިއަށެވެ. ނަމަވެސް ކޮޓަރިއަކު ރާނީ އެއް ނެތެވެ. ދެން ޒައިނާ ދިޔައީ ބަގީޗާ އަށެވެ. ރާނީ ފެނުމުން ޒައިނާ ހައިރާންވިއެވެ.
"ރާނީ؟" މޭޒުކައިރީ ހިޔާލަކަށް ގެއްލިފައި އިން ރާނީ ދިޔައީ ސިއްސައިގެންނެވެ.
"ރާނީ ކިހިނެއްވެފަ ތިހުރީ؟ ކީއްވެ އިސްތަށިގަނޑު ކޮށާލީ؟" އުރުގައި އިން ދަރިފުޅު ބިން މަތީގައި ބަހައްޓަމުން ޒައިނާ އަހައިލިއެވެ. އަދި ރާނީގެ ކައިރީގައި އައިސް އިށީނެވެ. ރާނީ އިސްޖަހައިލިއެވެ. ރާނީގެ ލޮލުން ކަރުނަ ހިލުނެވެ. އެކަން ފޮރުވުމުގެ ގޮތުން ތިރީގައި ހިނގާލަ ހިނގާލަ ހުރި ކުޑަކުޑަ އަލްމާ އަށް ރާނީ ބަލައިލިއެވެ.
"މީ އާލިމްގެ ތަ؟" ރާނީ އަހައިލިއެވެ. ޒައިނާ ބޯ ޖަހައިލިއެވެ.
"ކިރިޔާ މިއުޅެވެނީ ރާނީ... ވަރަށް އުނދަގޫ... އެންމެ ބޮޑު މީހާ އަޑެއްވެސް ނާހާ ހަމަ ބޭނުން އެއްޗެއް ބުނެލަނީ ވެސް... ހަމަ މަންމަގެ އުޅުން... އިއްޔަ ވެސް ކުޑޫއާ ދިމާލަށް އެއްލާލީ ކުޅެން ގެންގުޅުން ކާރު... އައިސް ޖެހުނީ ކުޑޫގެ ބޮލުގަ" ޒައިނާ ކިޔައިދިނެވެ. ޒައިނާގެ މޫނުމަތިން ފެންނަނީ ހިތާމައެވެ. ވަރުބަލިކަމެވެ. ޒައިނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ. ދެދަރިން ގޮވައިގެން އުޅެން ޖެހޭ ހާލެވެ. ގިނަފަހަރަށް ކާ އެއްޗެއް ވެސް ކެވެނީ ދެ ކުދިން ނިދީމައެވެ. ކުޑަ ދަރިފުޅު ނިދަނީ އެހާ ލަހުންނެވެ. އެންމެ ދެރަވަނީ ބޮޑު ދަރިފުޅު ޒައުލްގެ އުޅުމާ ދޭތެރޭގައެވެ. ޒައުލްގެ ހުންނަނީ އަހުދާގެ އުޅުމެވެ. ހަމަ އެ ބަސްމަގެވެ. އާލިމް ވެސް ހުންނަނީ އެކަމާ ބޯ ގޮވައިފައެވެ.
"ރާނީ ކުޑޫ އަށް ދަރިއެއް ލިބިއްޖެ ނަމަ މިކުދިންނާ ހަމަހަމަ ކުރެވޭނެތަ؟" ރާނީގެ އަތުގައި ހިފައިލަމުން ޒައިނާ އަހައިލިއެވެ. ރާނީ ބޯ ޖަހައިލިއެވެ.
"ހިތް ދޯ ހުރިހާ ވެސް އެއްޗަކީ... އަމިއްލަ ދަރިން ކަމަށް ދެކިގެން އުޅެންޏާ ހަމަހަމަ ކުރެވޭނެ" ރާނީ ބުނެލިއެވެ.
"އެކަމަކު ޒައުލް އުޅޭ ގޮތުން ވަރަށް ދެރަވޭ... ބާރަށް ނުބުނާން އުޅުނަސް ބުނެވޭ ބައެއް ފަހަރު" ޒައިނާގެ ހިތުގެ އުދާސްތައް ރާނީގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. ޒައިނާގެ ހާލު ފެނިފައި ރާނީ އިނީ ތުންފިއްތައިގެންނެވެ. މަންހާގެ ވާހަކަތައް ޒައިނާ އަށް ކިޔައިދޭން ރާނީގެ ހިތައް ކުރިންވެސް އެރިއެވެ. އިތުރަށް ޒައިނާގެ ބޯ ނުގޮއްވަން ވެގެން ރާނީ އެ ވާހަކަ ކިޔައެއް ނުދިނެވެ. ރާނީ ދެން އުޅުނީ ކުޑަކުޑަ އަލްމާ ގޮވައިގެންނެވެ.
"ރާނީ ދެން ބޭބީ އެއް ހޯދަބަލަ އަވަހަށް" އަލްމާ އުރައިގެން ރާނީ އުޅޭލެއް ލޯބި ކަމުން ޒައިނާ ބުނެލިއެވެ.
"ޒިއަން އަށް ވީމަ ހޯދަންވީ" ހީލުމަށްފަހު ރާނީ ބުނެލިއެވެ.
"އަދިވެސް ނުބުނަމެއްނު ބޯ ކޮށީ ކީއްވެ ކަމެއް" ޒައިނާ މިހެން އެހުމުން ރާނީ ފުރަގަހަށް އެނބުރުނެވެ. ބުނާނީ ކީކޭ ހެއްޔެވެ. ރާނީ ހިންދިރުވައިލިއެވެ.
"އުނދަގޫ ވަނީ ތަ؟" އަނެއްކާވެސް ޒައިނާ އަހައިލިއެވެ. ރާނީ ކުޑަކޮށް ބޯ ޖަހައިލިއެވެ.
"އޭރުވެސް ބުނަމެއްނު ހުޅި އެއް ޖަހައިގެން އުޅޭށޭ... މިގޭ މީހުންނަށް ތި މޫނު ފެނުނަސް އޯކޭ ވާނޭ" ޒައިނާ ބުނެލިއެވެ. ރާނީ އަނގައިން ވެސް ނުބުނެ ހުރީއެވެ. ޒައިނާ އެކި އެކި ވާހަކަ ދައްކަމުން ދިޔައެވެ. ޒައިނާ އައިސް އިނުމުން ރާނީގެ އެކަނިވެރިކަން ފިލައިގެން ދިޔައެވެ.
***
"މާޒިން އެމަންޖެ ސެޓުކުރީތަ އެންމެފަހުން؟" ސައިކަލުގައި ދިޔަ މާޒިން އާއި ސަބާ ދައްކައިލަމުން އީމާން ބުނެލިއެވެ. ޒިއަން އިނީ ފޯނާ ކުޅޭށެވެ.
"ކައެ އަކަށް ނުވިއެއްނު ކަމެއް މިހާ ބައިވަރު އަންހެން ކުދިންތައް އޮއްވަވެސް" ޒިއަން ހަމަ އެއޮތްގޮތަށް އޮވެ ބުނެލިއެވެ.
" މަ އެހާ ޑެސްޕޯ އެއް ނުވަމޭ" އީމާން ބުނެލިއެވެ.
"ކައެ އެއްއިރަކު ވެސް ބިޓެއް ގެންގުޅޭތަނެއް މަށެއް ނުދެކެން... ކަލެޔަށް އަންހެން ކުދިން ކަމުނުދަނީތަ؟" ޒިއަން ފޯނު ތިރިކޮށްލުމަށްފަހު އީމާންގެ މޫނަށް ބަލައިލިއެވެ. އީމާން ކައިރިއަށް ހިނިއައެވެ.
"ދެން ދޯ... މަ ވެސް ނަސީބަކުން ހިތް ކިޔަނީ އަންހެން ކުދިންނަށް" އީމާން ހެމުން ހެމުން ބުނެލިއެވެ.
"ނުވެއް ފެނޭ ދުވަހަކުވެސް... ކަމުދާ ކުއްޖެއް ވެސް ހަމަ ނުހުރޭތަ؟" ޒިއަން އެންމެފަހުން އަހަން ފެށުމުން ކަމުދާ ކުއްޖެއް ހުންނަ ވާހަކަ އީމާން ބުނެލިއެވެ. ދެން ޒިއަން އަހަން ފެށީ އެއީ ކާކުތޯއެވެ. އެހިސާބުން އީމާންގެ މޭގަނޑު ތެޅެންފެށީ އެހެނަކުން ނޫނެނެވެ.
"ބުނެބަލަ ދެން އީމު" ޒިއަން އީމާންގެ ކޮނޑަށް އަތް ވައްޓައިލިއެވެ. އެވާހަކަ ފެށުމުން އީމާންގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ޒިއަން އަށް ދެނެގަނެވުނެވެ.
"އޭނަ ލޯބިވަނީ އެހެން މީހެއް ދެކެ" އިސްޖަހައިލުމަށްފަހު އީމާން ބުނެލިއެވެ.
" އޭނަ އަށް އިނގޭތަ؟" ޒިއަން މިހެން އަހައިލުމުން އީމާން ބޯ ހޫރައިލިއެވެ.
"ތިއޭ މައްސަލަ އަކީ... ބުނީމަ ދޯ ކަމެއް ވާނީ ވެސް..." ޒިއަން ބުނެލިއެވެ.
"އޭނަ ހުންނަނީ އެ ކުއްޖާ ދެކެ މޮޔަވެފަ... އެކަމަކު އެ ކުއްޖާ ލޯބި ވަނީ އެހެން މީހެއް ދެކެ" އީމާން ކިޔައިދިނެވެ. ނަމަވެސް ޒިއަން އަކަށް އީމާން ކިޔާ އެއްޗެއް ނުވިސްނުނެވެ.
"ކީކޭ މިހާރު ތިކިޔަނީ؟ އޭނަ ލޯބިވަނީ މީނަ ދެކެއޭ.. އެހެން މީހެކޭ" ޒިއަން ދެ ބުމަ ގާތް ކޮށްލިއެވެ.
"އޯކޭ މިވާގޮތަކީ... އަހަރެން މި ލޯބިވާ ކުއްޖާ ލޯބިވަނީ އެހެން ކުއްޖެއް ދެކެ.. އެކަމަކު އޭނަ ލޯބިވާ ކުއްޖާ އޭނަ ދެކެ ނުވެޔޭ... އެކުއްޖާ ވެސް ލޯބިވަނީ އެހެން ކުއްޖެއް ދެކެއޭ..." އީމާން އޮޅުން ފިލުވައިދިނެވެ.
"ވަޓް ދަ... ދެން އީމު އޭނައަށް ހެލްޕް ވެބަލަ މޫވް އޮން ވާން.. އޭރަށް އީމު އަށް ހިތް ޖެހިދާނެ އެއްނު" ޒިއަން ކިޔައިދިނެވެ. ނަމަވެސް އީމާން ތަކުރާރުކޮށް ބުނަމުން ދިޔައީ ދުވަހަކުވެސް އޭނަގެ ލޯބި ނުލިބޭނެ ކަމުގައެވެ.
"ދެން އެހެންވިއްޔާ މިރަށުން ސަޅި ބިޓެއް ހޯދައިގެން މޫވް އޮން ކޮށްބަލަ... ކިހާ ސަޅި ކުދިން މިއުޅެނީ" މަގުން ދިޔަ އަންހެން ކުދިންތަކަކަށް އިޝާރާތް ކުރަމުން ޒިއަން ބުނެލިއެވެ. އަނެއްކާވެސް އީމާން އިސްޖަހައިލިއެވެ.
"އަހަރެން ބޭނުންވަނީ ހަމަ އޭނަ" އީމާން ބުނެލިއެވެ.
"ކިހާ ދެރަކަމެއް... ބޭނުމެއް ނުވޭ އޭނާ ކައިރީ ބުނާކަށްވެސް... އޭނަ އެއް ނުވެސް ލިބޭނެޔޯ ދެން އެހެން ކަމަކާ އުޅެބަލަ އެހެން މީހުންގެ ބޯ ނުކައި" ޒިއަން ކައިރިއަށް ރުޅި އަންނަގޮތް ވިއެވެ. އީމާން އެތަނުން ތެދުވެގެން ދިޔައީއެވެ. އީމާން ދިއުމުން ޒިއަން ބޯ ހޫރައިލުމަށްފަހު ފޯނާ ކުޅެން ފެށިއެވެ. އެވަގުތު މާޒިން އާއި ސަބާ އައިސް ހުއްޓުނެވެ.
"ސައި ލިބޭނީ ކޮންއިރަކުން؟" ޒިއަން ގޮވައިލިއެވެ. ޒިއަންގެ އަޑު އިވުމުން ސަބާ ބާރަށް ހިނގާފައި ވަނީ އޭނަގެ ގެއަށެވެ. މާޒިން އައިސް އިށީނީ ޒިއަން ކައިރީގައެވެ.
"ޖެއްސީ ދެން މި އެކަންތައް" މާޒިން ބުނެލިއެވެ. ޒިއަން ބޯ ޖަހައިލިއެވެ.
****
ޒައިނާ އާއި އެކީ ބޭރަށް ގޮސްފައި ރާނީ ގެއަށް އައީ ރޭގަނޑު 11 ޖެހިފަހުންނެވެ. މިއީ ޒައިނާ އެގެއިން ދިޔަ ފަހުން ރާނީ ޒައިނާ އާއި އެކީ ބޭރަށް ދިޔަ ފުރަތަމަ ފަހަރެވެ. ރާނީ އައިސް ވަތްއިރު ޝާހިދު އާއި ޒާހިދާ ތިބީ ސޯފާގައެވެ. ކައިރީގައި މަންހާ ވެސް އިނެވެ. ރާނީ ފެނުމުން ޝާހިދު ގޮވައިލިއެވެ.
"ރާނީ އައިސްބަލަ މިކޮޅަށް" ޝާހިދުގެ އަޑު ހުރިގޮތުން ކޮންމެވެސް ކަމެއް ވެއްޖެ ކަމަށް ރާނީގެ ހިތް ބުނަމުން ދިޔައެވެ. ރާނީ ކުޑަކޮށް ބިރުގަންނަ ގޮތް ވިއެވެ.
"ރާނީ އަކީ ބައްޕަގެ ދަރިއެއްގެ އަންހެނުން... އެހެންވީމަ ބައްޕަ މެން ޒިއަން ނޫޅޭ ވަގުތުތަކުގަ ރާނީ އަށް ބަލަން ޖެހޭނެ... އެހެންވެ މިބުނަނީ ރޭގަނޑު ލަސްވަންދެން މީހުންނާއި އެކީ އުޅޭކަށް ބައްޕަ ހިތްހަމައެއް ނުޖެހޭ... މިއީ ފުރަތަމަ ފަހަރަށް ދިމާވި ކަމެއް ނޫންވީމަ މި ބުނެލީ" ޝާހިދު ނިންމާލި ޖުމްލަ އިވިފައި ރާނީ ހައިރާންވިއެވެ. ޒިއަން ދިޔަފަހުން ރާނީ ބޭރަށް މި ދިޔައީ އަދިކިރިޔާއެވެ. އެވެސް ޒައިނާ އާއި އެކީގައެވެ. ޝާހިދު އެހެން ބުނަންވީ ކީއްވެގެން ހެއްޔެވެ.
"އަޅުގަނޑު ދިޔައީ ކުޑޫ އާ އެކީ" ރާނީ އިސްޖަހައިލުމަށްފަހު ބުނެލިއެވެ.
"ޒައިނާ އަކީ މިގޭ މީހެއް ނޫން މިހާރު... ޒިއަން މާލޭގައި އުޅޭ ދުވަސްތަކުގަ ޒިއަންގެ ހުއްދަ އަހާފަ ދިޔަޔަސް އެންމެ ރަގަޅު.. އެކަމަކު ޒިއަން ނެތިސް ގޮސްގެން ނުވާނެ.. ޒިއަން ނޫޅެންޏާ ރާނީ އަކީ މަންމަ އާއި ބައްޕަގެ ޒިންމާއެއް" ޝާހިދުގެ ބަރު އަޑުން އިއްވައިލިއެވެ. ޒާހިދާ ވެސް އިސްޖަހައިގެން އަޑު އަހަން އިނީއެވެ.
"ލައްބަ" ވަރަށް އަދަބުވެރިކަމާއި އެކީ ރާނީ ބުނެލިއެވެ.
"ރާނީ އަކީ ރަގަޅު ކުއްޖެއް... ބައްޕަ މެން ވަރަށް އުފާވޭ ޒިއަން އަށް ތިކަހަލަ ކުއްޖަކު ލިބުނީމަ... އެކަމަކު މިކަހަލަ ކަންތައްތައް ރަގަޅު ކުރަން ޖެހޭނެ..." ޝާހިދު އަނެއްކާވެސް ބުނެލިއެވެ. ރާނީ އަނެއްކާވެސް ބޯ ޖަހައިލިއެވެ.
"ދެން ދޭ" ޝާހިދު މިހެން ބުނުމުން ރާނީ ދާން ހިނގައިގަތެވެ. ދަމުން ދަމުން ރާނީ އަށް ބަލަހައްޓައިގެން އިން މަންހާގެ މޫނަށް ރާނީ ބަލައިލިއެވެ. ރާނީ އާއި ހަތަރު ކަޅި ހަމަވި ވަގުތު މަންހާ އެއް މިޔަކަނިން ހީލިއެވެ. ރާނީ އަޅައިވެސް ނުލައި ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް