ތޫފާން އޮކްޝީގައި ޅައިމަގު ފަރަށް ގެއްލުންވެގެން އަލުން މުރަކަ އިންދައިފި

މިދިޔަ ޑިސެމްބަރު މަހު ސްރީލަންކާ ކައިރިން އުފެދުނު ތޫފާން "އޮކްޝީ" ގެ އަސަރު ރާއްޖެއަށް ކޮށް ށ. ޅައިމަގުގެ ފަރު ހަލާކުވެފައިވާތީ އަލުން މުރަކަ އިންދައިފި އެވެ. މި މަސައްކަތް ކުރީ އެ ރަށުގެ ޒުވާނުންގެ...

19 May 2018 | 17:13

މިދިޔަ ޑިސެމްބަރު މަހު ސްރީލަންކާ ކައިރިން އުފެދުނު ތޫފާން "އޮކްޝީ" ގެ އަސަރު ރާއްޖެއަށް ކޮށް ށ. ޅައިމަގުގެ ފަރު ހަލާކުވެފައިވާތީ އަލުން މުރަކަ އިންދައިފި އެވެ.

މި މަސައްކަތް ކުރީ އެ ރަށުގެ ޒުވާނުންގެ ޖަމިއްޔާ "ޅައިމަގު އެކުވެރިންގެ ރޫހު" ގެ ފަރާތުންނެވެ.

މި މަސައްކަތުގެ ކޮންސަލްޓަންޓަކީ ޅައިމަގު މުރަކަ، އިސްމާއީލް ޝަރީފެވެ. އޭނާ އަކީ ކޮންރެޑް އިތާ އަންޑާ ވޯޓާ ރެސްޓޯރެންޓް ކައިރީގައި މުރަކަ އާލާކުރުމުގެ ޕްރޮގްރާމްގައި އަމަލީ ގޮތުން ބައިވެރިވެފައިވާ އަދި އެކަމުގެ ތަޖުރިބާކާރެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މިއީ  މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވައްސެވެ. ފުރަތަމަ ފިޔަވަހީގައި ޅައިމަގު އިރު އުތުރު ފަރުގެ 50 ފޫޓު 30 ފޫޓު ސަރަހައްދެއްގައި ވަނީ މުރަކަ އިންދާފައި އެވެ. އެ ޖަމިއްޔާއިން ބުނީ ވަރަށް އަވަހަށް ދެވަނަ ފިޔަވަހި ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެ ޖަމިއްޔާއިން މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ޅައިމަގު ވިޔަފާރިވެރިންނާއި އާންމުންގެ ފަރާތުން ލިބޭ އެހީގައި އެވެ.

ތޫފާން "އޮކްޝީ" ގައި ޅައިމަގު ފަރު ހަލާކުވުމުގެ އިތުރުން ބަނދަރު ހެދުމުގެ ކުރިން ބޭނުން ކުރި އަދި މިހާރު ގިނަ ބަޔަކު މަސް ބޭނުމަށް ބޭނުން ކުރާ ދިގު ފާލަމެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި އެވެ. އަދި ސުނާމީއަށް ފަހު ޅައިމަގަށް އެންމެ ބޮޑަށް ރާޅު އެރީ އެތޫފާނުގެ ސަބަބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް