އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ބަތަލާ މޭގަން މާކްލް މިއަދު ކައިވެނި ބައްލަވައިގެންފި އެވެ.
މި ހަފްލާ އޮތީ ލަންޑަނުގެ ވިންޑްސާ ގަނޑުވަރުގެ ސެއިންޓް ޖޯޖް ޗަޕެލްގައި އެވެ. މި ހަފްލާގައި 600 އަށްވުރެ ގިނަ މެހެމާނުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރިންނާއި ދެ ފަރާތުގެ އާއިލާގެ ބޭފުޅުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން މުޖުތަމައުއަށް ހިދުމަތް ކުރަމުންދާ ގިނަ ފަރާތްތަކެއް ބައިވެރިވި އެވެ.
މި ހަފްލާގައި ބައިވެރިވި މަޝްހޫރު ތަރިންގެ ތެރޭގައި ލަވަކިޔުންތެރިޔާ އެލްޓަން ޖޯން، ހޮލީވުޑުގެ ތަރި ޖޯޖް ކްލޫނީ އާއި އަމާލް ކްލޫނީ، ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއި ވިކްޓޯރިއާ ބެކަމް، ޓެނިސް ތަރި ސެރީނާ ވިލިއަމްސް އަދި އެމެރިކާގެ މަޝްހޫރު ޓީވީ ހުށަހެޅުންތެރިޔާ އޯޕްރާ ވިންފްރީ ހިމެނެ އެވެ. އަދި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހިމެނެ އެވެ.
ކައިވެނީގެ ރަސްމިއްޔާތަށް މޭގަން ވަޑައިގެންނެވީ މަންމާފުޅު ޑޯރިއާއާ އެކު އެވެ. ހެރީ ވަޑައިގެންނެވީ ބޭބޭފުޅު ޕްރިންސް ވިލިއަމްގެ އަރިހުގަ އެވެ.
ކައިވެންޏަށް ފަހު ހެރީ އާއި މޭގަން އަށް މުހާތަބް ކުރާނީ ޑިއުކް އަދި ޑަޗަސް އޮފް ސަސެކްސްގެ ނަމުންނެވެ.
ރަސްމިއްޔާތަށް ފަހު ދެމަފިރިކަނބަލުން ވަނީ އާންމުންނާއި ބައްދަލު ކުރެއްވުމަށް އަސްގާޑިއަލުގައި ލަންޑަންގެ ވަކި ހާއްސަ މަގުތަކެއްގައި ދަތުރު ކުރައްވާފައި އެވެ. އެމަގުތަކަށް މިލިއަނެއްހާ މީހުން ޖަމާވިކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް