އެފްއޭ ކަޕް ފައިނަލުން ކޮންމެ ނަތީޖާއެއް ނުކުތަސް އަހަންނަކީ ހަމަ ޗެލްސީގެ ހީރޯއެއް: ކޮންޓޭ

މިރޭ ކުޅޭ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުން ކޮންމެ ނަތީޖާއެއް ނުކުތަސް އަދި ޗެލްސީއަށް މި ސީޒަން ތަށްޓަކާ ނުލާ ނިންމާލަން ޖެހުނަސް، އޭނާ އަކީ ޗެލްސީގެ ހީރޯއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެކަމަށް ...

19 May 2018 | 09:41

މިރޭ ކުޅޭ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުން ކޮންމެ ނަތީޖާއެއް ނުކުތަސް އަދި ޗެލްސީއަށް މި ސީޒަން ތަށްޓަކާ ނުލާ ނިންމާލަން ޖެހުނަސް، އޭނާ އަކީ ޗެލްސީގެ ހީރޯއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެކަމަށް ގަބޫލުކުރާކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އިޓަލީގެ ކޮންޓޭ ޗެލްސީއާ ހަވާލުވުމަށްފަހު މިދިޔަ ސީޒަންގައި އެ ޓީމަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިނެވެ. އެހެނަސް، މި ސީޒަންގައި އެ ޓީމުގެ ކުޅުން ވަރަށް ބޮޑުތަން ދަށްވެ، ލީގު ނިންމާލަން ޖެހުނީ ގަދަ 4 އަށް ނޭރި، ޗެމްޕިއަންސް ލީގުގެ ޖާގައެއް ވެސް ނުލިބިއެވެ.

ނަތީޖާ ދަށްވުމުގެ ސަބަބުން ފާޑުކިޔުން އަމާޒު ވެފައިވާ އަދި މަގާމް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކޮންޓޭއަށް ސީޒަން ސަލާމަތްކުރުމަށް ލިބޭނެ ފަހު ފުރުސަތު މިރޭ ލިބިގެންދާނެއެވެ. މިރޭ އެފްއޭ ކަޕްގެ ފައިނަލް މެޗުގައި ޗެލްސީން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު، މި މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ އެއީ ކޮންޓޭއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

އެހެނަސް، އޭނާ ވަނީ މިރޭގެ މެޗު ކާމިޔާބު ނުވިޔަސް، ޗެލްސީގެ ފޭނުން އޭނާގެ މަސައްކަތް ބަލައިގަނެ އިޙްތިރާމް ކުރަން ޖެހޭނެކަމަށް ބުނެފައެވެ.

"އަހަރެން ކްލަބަށްދޭ ކޮމިޓްމަންޓް ބަދަލެއް ނުކުރަން. އަބަދު ވެސް ކުރާ ވަރަށް މަސައްކަތް އެބަ ކުރަން. ފަހަރެއްގައި މި ސީޒަންގައި އަހަރެމެންނަށް މިދިޔަ ސީޒަނަށްވުރެ ވެސް ބުރަކޮށް މަސައްކަތް ކުރެވިފައި ހުރެދާނެ. އަހަންނަކަށް ނޭނގޭ ކަމެއް ބަދަލުވިކަމެއް. މިދިޔަ ސީޒަންގައި އަހަންނަކީ ޗެލްސީގެ ފޭނުންނަށް ހީރޯއެއް" ކޮންޓޭ ބުންޏެވެ.

ކުރިން ޗެލްސީގެ ސަޕޯޓަރުން ދުށް ގޮތް ބަދަލުވެފައިވާ ކަމަށާއި، އެހެނަސް އޭނާގެ ހިތާ ރޫހާ ޖާނުން ކުރިއަށްވުރެ ވެސް އިތުރަށް ޗެލްސީއަށް ކާމިޔާބު ހޯދައިދޭން މަސައްކަތް ކުރާ ކަމަށާއި، އެހެންކަމުން އޭނާ އަކީ އަބަދު ވެސް ޗެލްސީގެ ހީރޯއެއް ކަމަށް ކޮންޓޭ ބުނެފައިވެއެވެ.

އަދި ކުރާ މަސައްކަތާއި ހޯދޭ ކާމިޔާބީ (ތަށި) ވަކި ދެ އެއްޗެއް ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށާއި، އިޓަލީ، ފްރާންސް، ޖާމަނީ ފަދަ ގައުމުތަކުގައި އެއް ޓީމެއް އަބަދުހެން ކާމިޔާބީ ހޯދާހޯދުމަށް އިޝާރާތްކޮށް އޭގެ މާނައަކީ ބުރަކޮށް މަސައްކަތް ކުރަނީ އެންމެ ޓީމެއްތޯ ކޮންޓޭ ވަނީ ސުވާލު އުފައްދާފައެވެ.

ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:15 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް